އިގްތިޞާދީ ގޮތުން ދުޅަހެޔޮ ވެއްޓެއް ގާއިމު ކުރުމަށް މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވޯކާއި ދިވެހި ރާއްޖޭގެ ގާނޫނުތަކުގެ ފޮތްބައި އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލައަކީ މިހާރު ވަރަށް ގިނައިން ހުށަހެޅޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ނުކޮށް އިޖްތިމާއީ ހަމަޖެހުމެއް ނާންނާނެ ކަމަށާއި މުޖުތަމައުގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތެރިންގެ ހައްގު ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮބައިތޯ މަސައްކަތްތެރިންގެ ހައްގު. މަސައްކަތްތެރިންގެ ހައްގު އެމީހުންނަށް ކަށަވަރު ނުވެ ކިހިނެތްތޯ އިގްތިޞާދީ ގޮތުން ދުޅަހެޔޮ ވެއްޓަކަށް ވާނީ. އިގްތިޞާދީ ގޮތުން ދުޅަހެޔޮ ވެއްޓަކަށް ނުވެ ކިހިނެއްތޯ މުޖުތަމައުގެ މައްސަލަތައް ހައްލުކުރާނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި 124،000 ބިދޭސީ މަސައްކަތު މީހުން އުޅޭ ކަމަށާއި އެމީހުންނަށް އެއް އަހަރު ނުވަތަ ދޮޅު އަހަރު ވަންދެން މުސާރަ ނުދީ ހިފަހައްޓާ ކަމަށެވެ. އަދި އޭގެ އިތުރުން އިންސާނީ ވަގުފާރު ކުރުމުގެ މައްސަލަ ބޮޑު ކަމަށާއި ރެކްރޫޓް ކުރާ ބައެއް ފަރާތްތަކުން ވަރަށް ބޮޑެތި ފީ ނަގައިގެން ބިދޭސިން ގެންނަކަމަށެވެ. އަދި ބިދޭސީން ރާއްޖެ އަށް މަސައްކަތް ކުރުމަށް އަންނަ އިރު ދޭން ބުނާ އަދަދަށް މުސާރަ ނުދީ ނުވަތަ ދޭން ބުނާ މުސާރައާ ގާތްކުރާ ވަރަށް ވެސް މުސާރަ ނުދޭ ކަމަށާއި އެކަމުގެ ސަބަބުން މައްސަލަތައް ނުކުންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[ބިދޭސީން] ރާއްޖެ އަށް އައިމާ އެފަރާތްތަކުން ބައެއް ހާލަތްތަކުގައި ދޭން ބުނި މުސާރަ ނުދީ ނުވަތަ ދޭން ބުނާ މުސާރައާ ގާތް ކުރާ ވަރުގެ އަދަދެއް ވެސް ނުދީ އަދި ދޭން ވައުދުވި މަސައްކަތުގެ ސައިޓާ ހަމައަށް ވެސް ގެންގޮސް ނުދީ، އޭނަ މި ރާއްޖެއަށް ދޫކޮށްލަނީ. ދެން އިޖްތިމާއީ ކުންޏަކަށް މިވަނީ އެކަންތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ބިދޭސީންނެކޭ އެއްގޮތަށް ދިވެހިންނަށް ވެސް މުސާރަ ނުލިބުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ރޯދަ އެލަވެންސް ނުލިބުމާއި ސާވިސް ޗާޖު އަށް މަސް ދުވަސް ވެގެންދާއިރު ވެސް ނުލިބޭ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ގައުމު ބިނާކުރުމުގައި ހުރިހާ ބޭފުޅުންގެ ވެސް ހައްގެއް އޮތްކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ އިގްތިޞާދަށް ގެނައުމަށް މަސައްކަތް ކުރާ ހެޔޮ ބަދަލު ގެނައުމަށް މަސައްކަތްތެރިންގެ ހައްގު އެމީހުންނަށް ހޯދައިދިނުމަށް އިލްތިމާސް ކުރެއްވި އެވެ.