11 Dec 2016, 09:24
ހއ. ތަކަންދޫން: އަހުމަދު ސާއިލް އަލީ
އިންޖީނުލީ ދޯންޏެއްގެ ފަހަތުކޮޅުގައި އުޅުމެކޭ އެގޭތެރޭގައި އުޅުމެކޭ މާކަބޮޑު ތަފާތެއްނެތެވެ. އެކަކު އަނެކަކަށް ދައްކާ ވާހަކަ ސާފްނުވާވަރަށް އިންޖީނުގެ އަޑު ގޭތެރޭގައިގަދަ އެވެ. ދުމުގެ އަސަރު ގެއަށް ކުރެ އެވެ. ނޭވާލާން އުނދަގޫވާ ވަރަށް ތެޔޮވަސް ގޭތެރެއިން ދުވަ އެވެ. މިއީ ހއ. ތަކަންދޫ އިންޖީނުގެއާއި އިންވެގެން ހުންނަ ވެޔޮދަށުގޭގެ ހާލަތެވެ. އެގޭގައި މީހުން ދިރިއުޅޭތާ އެތައް ޒަމާނެއްވެފައިވަނިކޮށް މީގެ އަހަރުތަކެއް ކުރިން އެގޭކައިރި ގާއިމްކުރި އެއިންޖީނުގޭގެ ސަބަބުން ގޭގައި ދިރިއުޅުމަށް އެތައް ދައްޗަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.
ދުވަސްވީ މީހެއްގެ އިތުރުން ތުއްތު ކުއްޖެއް ދިރިއުޅޭ އެގެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކިޔައިދެމުން އެގޭ އައިޝަތު ރިޝްދާ އާދަމް ބުނީ އެގޭތެރެއަށް އިންޖީނުގެ އަޑު އިންތިހާއަށް ގަދަވުމުގެ ސަބަބުން އުފާވެރި ދިރިއުޅުމަކަށް ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އަޅީގެ އަސަރު ކުރާތީ ކައްކާ ކެއުމަށް ދަތި ކަމަށެވެ.

"ވަރަށް އަޑުގަދަ، ދެލިބުރާ، އެތައް ފަހަރަކު މިވާހަކަ ދައްކައިފިން، ހައްލެއް ނާދޭ، ތެޔޮވަސް ދުވާވަރުން ހޮޑުލެވޭ ދުވަސްދުވަސްދޭ،" ރިޝްދާ ބުންޏެވެ.
އިންޖީނަށް އަޅާ ތެލާއި ދުމުގެ އަސަރުއެގެއަށް އިންތިހާއަށް ކުރާއިރު ކާންގެންގުޅޭ ތަކެއްޗަށް އަޅީގެ އަސަރުކޮށްފައި ހުރެ އެވެ. އަޅީގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ކާމޭޒު ސާފްކުރަންޖެހެ އެވެ. އެއީ ބޮޑު އާއިލާއެއް ނިސްބަތްވާ އެގޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްހީ ގޮތުން އޮތް ބޮޑު ގޮންޖެހުމެކެވެ.
ދުވަސްވީ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމާ ގުޅޭ ގޮތުން ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް ތަކަންދޫ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލުކުރާނެ ކަމަށެވެ. އެކަމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.

އިސްވެ މިފާހަގަކުރި މައްސަލައަކީ އަތޮޅުތެރޭ އެތައް ރަށަކަށް ދިމާވެފައިވާ މައްސަލައެކެވެ. ބައިނަލްއަގުވާމީ އުސޫލްތަކަށް ބަލާއިރު ވެސް އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަން ޖެހޭ ތަނަކަށްވާއިރު އަތޮޅުތެރޭ ގިނަ ރަށްރަށުގެ އިންޖީނުގެތައް ހުންނަނީ މީހުން ދިރިއުޅޭ ގެތަކާ އިންވެގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުމާއި އިންޖީނުގެ އަޑުގަދަ ވުން ފަދަ އެތައް އުނދަގުލެއް އެތައް ބަޔަކަށް ކުރަންވަނީ ޖެހިފަ އެވެ.
ހއ. މާރަންދޫއަކީ ވެސް އެފަދަ ރަށެކެވެ. އެރަށު އިންޖީނުގޭ ހުންނަނީ މީހުން ދިރިއުޅޭ އަދި ކުޑަކުދިންނަށް ކިޔަވައިދޭ ސުކޫލަކާ އިންވެގެންނެވެ. އެ އިންޖީނުގެއިން އަރާދުމުގެ ސަބަބުން އެ ސަރަހައްދުގެ އެތައް ގެއެއްގެ ފުރާޅުތަކުގައި ވަނީ ކަޅުކުލަ ހިފައިފަ އެވެ. އެހެންކަމުން އެފުޅާޅުތަކުން ފެން ނަގައިގެން ފެން ބޭނުމެއް ނުކުރެވެ އެވެ. އެގެތަކުގައި ބޭނުންކުރުމަށް ފެންގެންނަން ޖެހެނީ ރަށުގެ އެހެން ހިސާބްތަކުންނެވެ.

މާރަންދޫ ކައުންސިލްގެ ރައީސް އަބްދުލް ރަހުމާން ހަސަން ވިދާޅުވީ އިންޖީނުގޭގެ ސަބަބުން އެ ރަށު އެތައް ބަޔަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެކަން ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެދުނު ސަރަހައްދުން އިންޖީނުގޭ އެޅުމަށް މިހާރު ބިން ދޫކޮށްފައިވާ ކަމަށެވެ. އެއިންޖީނުގޭގެ އަމަލީ މަސައްކަތް އަދި ނުފެށެ އެވެ.
ކެންސަރުގެ ބިރުބޮޑު!
ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި އިންޖީނުގެތައް ހިންގުމަކީ ރާއްޖޭގައި އާންމު ކަމަކަށްވާ އިރު ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެއީ ސިއްހަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ޑޮކްޓަރު އުސާމާ އަލީ އުމަރު ވިދާޅުވީ ޖަނަރޭޓަރުން އަރާ ދުމާއި ރޭޑިއޭޝަންގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ކެންސަރަށް މަގުފަހިވޭ، ވަރަށް ބިރުވެރިކަމެއް މިއީ، އެހެންވެ އެމެރިކާ ފަދަ ގައުމުތަކުގައި އެފަދަ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުބަހައްޓާނެ،" ޑރ. އުސާމާ ވިދާޅުވި އެވެ.
ކުޑަކުދިންނުން ފެށިގެން އެތައް ބަޔަކަށް ނޭވާ ހިއްލުމުގެ މައްސަލަތައް ކުރިމަތިވުން މުޖުތަމައުގައި ދަނީ އިތުރުވަމުންނެވެ. ތަފާތު ދާއިމީ ބޮޑެތި ބަލިތައް ޖެހުން ވަނީ އާންމުވެފަ އެވެ. މިއީ މިފަދަ މާހައުލުގެ ނޭދެވޭ އަސަރެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ ދުމުގެ އަސަރު ކުރު ދާއިމަށް ކުރާ މާހައުލެއްގައި ދިރިއުޅުމަކީ ފުއްޕާމާގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
"ފުއްޕާމާގެ ވަރަށް ގިނަ ބަލިތައް ޖެހުން އެކަށީގެންވޭ، އެންމެ އާންމުކޮށް ޖެހޭ ބައްޔަކީ ނޭވާ ހިއްލުމާއި ކެއްސުން،" ޑރ. އަރޫނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ބައެއް ވިހަ ގޭސްތަކުގެ ސަބަބުން އިތުރު ބަލިތައް ޖެހުމަށް މަގުފަހިވާ ކަމަށް އަރޫނާ ވިދާޅުވި އެވެ.
ހައްލެއްނެތި ދިގުލަނީ!
ސާފުވަޔާއި ތަނަވަސް ބިމުގައި އުފާވެރި ދިރިއުޅުމެއް އުޅެން ގަސްތުކުރާ އަތޮޅުތެރޭ އެތައް ރައްޔިތުންނަކަށް އެބިރުއޮތް އިރު އެކަންކަން ހައްލުނުވެ ދަނީ ދިގުލަމުންނެވެ. އަތޮޅުތެރޭ ގިނަ އިންޖީނުގޭތަކަކީ ކުރިން ފެށިގެން އެ ރަށްރަށުގައި އިންޖީނުގޭ ހިންގި އިމާރާތްތަކުގައި މިއަދު ފެނަކައިން ހިންގާ ތަންތަން ކަމަށްވުމުން އެތަންތަން ބަދަލު ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ފެނަކައިން ބުނެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަޖެޓުގެ ތާށިކަމާ އެކު އިންޖީނުގެތައް ބަދަލުކުރަން ޖެހޭ އިންވެސްޓްމަންޓަކީ ބޮޑު އިސްވެންޓަކަށްވުމުން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.
އިންޖީނުގޭތައް އަލުން އަޅަން ކައުންސިލްތަކުން ބިންދޭ ސަރަހައްދުތަކާ މެދު ފެނަކައިން ހިތްހަމަނުޖެހުމުން ކައުންސިލްތަކާއި ފެނަކައާ ދޭތެރޭ ހިންގާ ކޯޅުންތަކަކީ ވެސް އެމައްސަލަ ހައްލުކުރަން ކުރިމަތިވާ ގޮންޖެހުންތަކެކެވެ.
ހައްލު އަވަސްކުރަން ޖެހޭ!
ކަރަންޓް ޔަގީން ވުމުން ލިބޭ އުފަލުގައި ބައިވެރިވެވޭނީ ވެސް ފުރިހަމަ ސިއްހަތެއްގައި ހުރެގެން ކަމަށްވާ އިރު ދިމާވެފައިވާ މިބޮޑު މައްސަލައަކީ މިހާރުން މިހާރަށް ހައްލުކުރަން ޖެހޭ ކަމެކެވެ. އެތައް ބައެއްގެ ސިއްހަތާ ގުޅިފައިވާ އެ މައްސަލަ އަށް މިހާރުން މިހާރަށް ހައްލު ގެނައުމަށް ސައުންޑް ޕުރޫފް ކުރުމާއި ދުމުގެ އަސަރު މީހުންނަށް ނުކުރާނެ އިންތިޒާމްތަކެއް ދުންހޮޅި އުސްކޮށްގެން ނަމަވެސް ހައްލުކުރަންޖެހެ އެވެ.