ބައިނަލްއަގުވާމީ މޭކްއަޕް ބްރޭންޑް، ޖަރުމަނުގެ މަޝްހޫރު "ކްރަޔޯލަން"ގެ އޮރިޖިނަލް ޕްރޮޑަކްޓްސްއާ އެކު، އެ ބްރޭންޑުގެ ޝޯރޫމެއް މާލޭގައި ހުޅުވައިފިއެވެ.

ކްރަޔޯލަން މޯލްޑިވްސްގެ ދަށުން، ފްރެންޗައިޒް އުސޫލުން މި ޝޯރޫމް ހުޅުވާފައިވަނީ މިރޭއެވެ. ހެންވޭރު ވައިޖެހޭމަގުގައި މި ޝޯރޫމް ރަސްމީކޮށް ހުޅުވައިދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާއެވެ.

މާލޭގައި ހުޅުވި ކްރަޔޯލަންގެ ޝޯރޫމް: މިތަން ހުންނާނީ ހެންވޭރު، ވައިޖެހޭ މަގުގައި -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކްރަޔޯލަން މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ މެހެނާޒް ވަހީދު "ސަން" އަށް ވިދާޅުވި ގޮތުގައި، މިއީ މި ސަރަހައްދުގައި ވެސް ހުޅުވުނު، ކްރަޔޯލަންގެ އެންމެ ފުރަތަމަ ޝޯރޫމެވެ.

"ސްރީލަންކާގައި ވެސް ނުހުންނާނެ ކްރަޔޯލަންގެ ޝޯރޫމެއް. މީގެ އޮރިޖިނަލް ޕްރޮޑަކްޓްސް ހޯދުމަކީ އުނދަގޫ ކަމެއް. އެކަމަކު އަޅުގަނޑުމެންގެ މާކެޓަކަށް ނުގެންނާނެ ކްރަޔޯލާންގެ ފޭކް ޕްރޮޑަކްސްޓްއެއް. ހަމައެކަނި އޮރިނިޖަލް ހުންނާނީ،" އޭނާ ވިދާޅުވިއެވެ.

މާލޭގައި ހުޅުވި ކްރަޔޯލަންގެ ޝޯރޫމް: މިތަން ހުންނާނީ ހެންވޭރު، ވައިޖެހޭ މަގުގައި -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކްރަޔޯލަންއަކީ، 1945 ވަނަ އަހަރު ޖަރުމަނުގައި އުފެއްދި ބްރޭންޑެކެވެ. ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޖަރުމަނުގެ ތިއޭޓަރތަކުގައި އެކްޓަރުން ބޭނުން ކުރުމަށް އުފެއްދި ފުރަތަމަ ޕްރޮޑަކްޓްތަކާ އެކު، ކްރަޔޯލަންއަކީ މިވަގުތު ދުނިޔޭގައި ތިއޭޓްރިކަލް މޭކްއަޕް އެންމެ ފުޅާ ދާއިރާއެއްގައި އުފައްދައި، އޭގެ ވިޔަފާރި ކުރާ ބްރޭންޑެވެ.

ތިއޭޓަރތަކުގައި ބޭނުންކުރާ މޭކްއަޕްގެ ގޮތުގައި އާޓިފިޝަލް ލޭ، ތުނބުޅި އަދި މަތިމަސް އަދި ހެއާ އެކްސްޓެންޝަންސް ފަދަ ތަކެތި ކްރަޔޯލަންއިން އުފައްދާ އިރު، މިތަކެތި މާލޭގެ ޝޯރޫމުން ވެސް ލިބެން ހުންނާނެއެވެ. އަދި އައިލޭޝްއާއި މޭކްއަޕްގެ އެހެނިހެން ޕްރޮޑަކްޓްސް ވެސް ހެޔޮ އަގުގައި ކްރަޔޯލަންއިން ލިބެން ހުންނާނެއެވެ.

މާލޭގައި ހުޅުވި ކްރަޔޯލަންގެ ޝޯރޫމް: މިތަން ހުންނާނީ ހެންވޭރު، ވައިޖެހޭ މަގުގައި -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކްރަޔޯލަން މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ މެހެނާޒް ވަހީދު ވިދާޅުވި ގޮތުގައި، އެ ބްރޭންޑަކީ "ޑަރމަކަލަރ" ލައިނެއް އުފައްދާފައިވާ ފުރަތަމަ ބްރޭންޑެވެ.

"މިއީ ހަމައެކަނި ޑަރމަކަލަރ ލައިނެއް އޮންނަ ބްރޭންޑަކީ. އެއީ މިސާލަކަށް ސްކިން މައްސަލައެއް ހުންނަ ނަމަ، ކްރަޔޯލަންގެ ޑަރމަކަލަރ ޕްރޮޑަކްޓްސް ބޭނުންކޮށްގެން އެ ތަނެއް ނުފެންނަ ގޮތް ހަދައި، ކެމޮފްލާޖް ކޮށްލެވޭނެ،" މެހެނާޒް ވިދާޅުވިއެވެ.

ކްރަޔޯލަންގެ ފައުންޑޭޝަން ސްޓިކްސް، ކޭކް މޭކްއަޕް އަދި ކޮންސީލާސްއަކީ ދިވެހީންގެ ތެރޭގައި މަގްބޫލު ދެ ޕްރޮޑަކްޓެވެ. މި ދެ ޕްރޮޑަކްޓަކީ ސްރީލަންކާ ފަދަ ގައުމުތަކުން ދިވެހީން ވަރަށް ގިނައިން ގަނެ އުޅޭ ޕްރޮޑަކްޓްތަކެކެވެ. ނަމަވެސް ކްރަޔޯލަންގެ ޝޯރޫމެއް މާލޭގައި ހުޅުވިގެން ދިއުމަކީ، އެ ބްރޭންޑުގެ ތަކެތި ރާއްޖެއިން ބޭރުން އާންމުކޮށް ގަންނަ ފަރާތްތަކަށް ލިބޭނެ ލުއި ފަސޭހަ ކަމެކެވެ.

މާލޭގައި ހުޅުވި ކްރަޔޯލަންގެ ޝޯރޫމް: މިތަން ހުންނާނީ ހެންވޭރު، ވައިޖެހޭ މަގުގައި -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މެހެނާޒް ވިދާޅުވީ ތިއޭޓްރިކަލް މޭކްއަޕްގެ އިތުރުން، ބްރައިޑަލް މޭކްއަޕްއަށް ބޭނުންވާ ސާމާނުވެސް ކްރަޔޯލަންއިން ލިބެން ހުންނާނެ ކަމަށެވެ.

އަދި ކްރަޔޯލަންގެ ޝޯރޫމްގައި، އެޕޮއިންޓްމެންޓަށް މޭކްއަޕް ކޮށްދިނުމުގެ ޚިދުމަތް ވެސް ދޭނެ ކަމަށް މެހެނާޒް ވިދާޅުވިއެވެ.

ކްރަޔޯލަންގެ، ނަން މަޝްހޫރު އަދި ބައިނަލްއަގުވާމީ ކްލަޔަންޓުން ވަރަށް ގިނައެވެ. އޭގެ ތެރޭގައި ސްޓީވަން ސްޕީލްބާގް، ކޭޓް ވިންސްލެޓް އަދި ޖޮނީ ޑެޕްގެ އިތުރުން، ސީއެންއެން އަދި އަލް ޖަޒީރާގެ ޕްރެޒެންޓަރުން ވެސް ހިމެނެއެވެ.

މާލޭގައި ހުޅުވި ކްރަޔޯލަންގެ ޝޯރޫމް: މިތަން ހުންނާނީ ހެންވޭރު، ވައިޖެހޭ މަގުގައި -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖެއަށް މިފަދަ ބައިނަލްއަގުވާމީ ބްރޭންޑުތައް ފްރެންޗައިޒް އުސޫލުން ދަނީ ތައާރަފު ކުރެވެމުންނެވެ. އެގޮތުން، ދާދި ފަހުން އިންޑިއާގެ ކޮސްމެޓިކް ބްރޭންޑް ގެ ޝޯރޫމެއްވެސް މާލޭގައި ހުޅުވާފައިވެއެވެ.