18 Jun 2011, 14:31
ސިކްސެންސަސްއިން ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ލަގްޒަރީ ޕްރައިވެޓް ގެތަކުގެ ތެރެއިން ފުރަތަމަ ގެ ހަތް މިލިއަން ޑޮލަރަށް ފްރާންސްގެ މަހުޖަނަކަށް ވިއްކާ ލައިފި އެވެ.
ސިކް ސެންސަސްގެ ސޮނޭވާ ފުށި ރިސޯޓުގައި ހަދާފައި ހުރި ޕްރައިވެޓް ގެތަކުގެ ތެރެއިން ގެއެއް ގަނެފައި ވަނީ ހަތް މިލިއަން ޑޮލަރަށް ފްރާންސުގެ ރައްޔިތެއް ކަމަށް ޓުއަރިޒަމް ހަބަރުތައް ގެނެސްދޭ ވެބް ސައިޓް، މޯލްޑިވްސް ޑޮޓް ނެޓްއިން ސޮނޭވާގެ އިސް އޮފިޝަލަކާއި ހަވާލާދީ ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގެ ގަތް ފަރާތުގެ އެއްވެސް މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.
ސޮނޭވާގައި ހަދާފައިވާ ޕްރައިވެޓް ގެތަށް ހަދާފައި ހުންނަނީ އިރު އަރާ އޮއްސޭ މަންޒަރު ފެންނަ ގޮތަށް އެންމެ މަތީފެންވަރުގެ ލަގްޒަރީ ހިދުމަތްތަކާއެކު ގޮނޑުދޮށުގަ އެވެ.
ސޮނާވާއިން ވިއްކާ ގެތަކުން ގެއެއް ފުރާންސްގެ މަހުޖަނަކު ގަތް އިރު ސިކްސެންސަން އިން މިހާރު ވަނީ އިތުރު ލަކްޒަރީ ގެތަކެއް ވިއްކުމަށް އެ ކުންފުނީގެ ރަސްމީ ވެބް ސައިޓުގައި އިއުލާން ވެސް ކޮށްފަ އެވެ.
ސިކް ސެންސަސް އިން މިހާރުވެސް އަންނަނީ ރ. އަތޮޅު ލުންދުފުށީގައި ވެސް މިފަދަ ޕުރައިވެޓް ގެތަކެއް ތައްޔާރުކުރަމުންނެވެ. އަދި އެ ކުންފުނީގެ ސޮނޭވާ ގިލީގައިވެސް މިފަދަ ގެތައް ހުރެ އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ލަގްޒަރީ ގެތައް ވިއްކަން ފަށާފައި ވާއިރު ސަރުކާރުން މިދިޔަ އަހަރު ވަނީ އެފަދަ ތަންތަން ވިއްކޭނެ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފަ އެވެ. އެ ގަވާއިދުގެ ދަށުން ވޯޓާ ވިލާ ފަދަ ތަންތަން ގިނަވެގެން 50 އަހަރު ދުވަހަށް އެހެން ފަރާތަކަށް ކުއްޔަށް ދެވިދާނެ އެވެ.