މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު އޭނާއަށް ވީ ކިހިނެތްކަން އެނގޭނެ ބަޔަކު ތިބޭނެ ކަމަށާއި އެނގޭބަޔަކު އެކަން ހިއްސާކޮށްދެއްވުމަށް ބަންޑާރަނައިބް މުހައްމަދު އަނިލް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ގާނޫނުތަކުގެ ފޮތްބައި އިފްތިތާހްކުރުމާއި ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވާކް ނެރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަނައިބު އަނިލް ވިދާޅުވީ، ރާއްޖެ ކަހަލަ ކުޑަ އެކަކު އަނެކަކީ ކާކުކަން އެނގޭ ގައުމެއްގައި "ވައިގެ ތެރެއަށް މީހަކު އަރައިގެން ހިނގައިދާނެ ކަމަކަށް" ގަބޫލުނުކުރައްވާ ކަމަށެވެ.

އެހެންނަމަވެސް ރިލްވާން ގެއްލުނު މައްސަލައަކީ ފުލުހުން އެންމެ ފުޅާދާއިރާއެއްގައި ހިންގެވި އެއް މައްސަލަ ކަމަށްވީ ނަމަވެސް އަދިވެސް އެކަމަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

"އަޅުނގަޑު މިއަދު ގޮވާލައި އިލްތިމާސްކުރަން މިކަމާ ގުޅުންހުރި މައުލޫމާތެއް ހުރި އެއްވެސް މީހަކު ރާއްޖޭގައި ހުރިއްޔާ އެމައުލޫމާތެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްދޭށޭ. އަޅުނގަޑަށް ހަމަ ޔަގީން މި މައުލޫމާތު އެނގޭނެ ފަރާތްތައް ރާއްޖޭގައި ތިބޭނެ،" އަނިލް ވިދާޅުވިއެވެ.

އަހުމަދު ރިލްވާން އަބްދުﷲއަށް ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް ވަނީ 855 ދުވަސް ވެފައެވެ.

ބަންޑާރަނައިބު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރު ކޮށް، ނިޒާމުން ގެއްލުވާލީމަ އެކަމަށް ހައްގު އަދަބު ލިބިދޭން ޖެހޭނެކަން ގަބޫލުކުރާއިރު ރިލްވާން ވީތަނެއްވެސް ހޯދަންޖެހޭ ކަމަށެވެ. ދިވެހިރައްޔިތަކަށް އެފަދަ ކަމެއް ވާން ދޫކޮށްލަން އެކަކުވެސް ބޭނުންނުވާނޭ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އަހުމަދު ރިލްވާން އެންމެ ފަހުން ފެނިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު އަށް ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ. ނަމަވެސް އަދިވެސް އެ މައްސަލައިގެ ތަހުގީގު ފުރިހަމަނުވާއިރު، އެ މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އަދި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ އެ ދެމީހުން ފުލުހުން ދޫކޮށްލިއެވެ.