ބާސެލޯނާއާއެކު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކުޅުނު 550 ވަނަ މެޗުގައި އޮސަސޫނާ އަތުން ތިން ޕޮއިންޓް ހޯދައިދިނުމަށް އެހީތެރިވެދީފި އެވެ.

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު އެ މެޗުން ބާސާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން: މެސީގެ ދެ ލަނޑާއެކު ބާސާ އެ މެޗުން މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

އެ މެޗަކީ ބާސާއާއެކު މެސީ ކުޅުނު 550 ވަނަ މެޗަށް ވެގެންދިޔަ އިރު، ޔޫތު ލެވެލް އިން ފެށިގެން މެދުކެނޑުމެއްނެތި އެ ކްލަބަށް މެސީ ކުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ބާސާގެ ޔޫތު ޓީމުތަކަށް 2001 އިން ފެށިގެން ކުޅެމުންދިޔަ މެސީ، އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރު އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސާ އަދި އޮސަސޫނާއަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައިވެ އެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ބާސާއަށް ލީޑު ހޯދައިދިނީ އެ ޓީމުގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ސުއަރޭޒް އެ ލަނޑު ކާމިޔާބުކުރީ ޖޯޑީ އަލްބާ ދިން ބޯޅައަކުންނެވެ. އެ ލަނޑު ކާމިޔާބު ކުރުމުގައި ވެސް މެސީގެ ދައުރު ފާހަގަކޮށްލެވެ އެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން: މެސީގެ ދެ ލަނޑާއެކު ބާސާ އެ މެޗުން މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 72 ވަނަ މިނެޓުގައި ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން މިފަހަރު ބާސާއަށް ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ލިއޮނެލް މެސީ އެވެ. މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ބާސާގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެސީ އެވެ. ސާޖިއޯ ބުސްކެޓްސް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއިން އޮސަސޫނާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ވަރަށް ރީތިކޮށް މެސީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އެ ނަތީޖާއާ އެކު ބާސާއިން ވަނީ ލަލީގާ ތާވަލުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. ލަލީގާގައި ކުޅުނު 14 މެޗުން ރެއާލަށް 34 ޕޮއިންޓް ލިބިފައިވާ އިރު، ބާސާއަށް 15 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ.