ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވޯކާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ފޮތްބައި އިފްތިތާހް ކޮށްފި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވޯކް އިފްތިތާހް ކޮށްދެއްވީ، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ފޮތްބައި އިފްތިތާހްކޮށްދެއްވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދެވެ.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސައީދު، ރާއްޖޭގެ ގާނޫނުތަކުގެ ފޮތްބައި އިފްތިތާހްކޮށްދެއްވަނީ ---ސަން ފޮޓޯ

އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި އަދި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އެ ފްރޭމްވޯކްގައި ނަތީޖާ ނެރެން ބޭނުންވާ 14 ދާއިރާއެއް ފާހަގަކޮށްފައިވެ އެވެ.

އެ ދާއިރާތަކަކީ:

  • އުނގެނުމުގެ ހައްގު
  • ދުޅަހެޔޮ ސިއްހަތެއް ލިބުމުގެ ހައްގު
  • އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅުމުގެ ހައްގު
  • ހާއްސަ ރައްކާތެރިކަން ލިބުމުގެ ހައްގު
  • ޖެންޑާ އިކުއަލިޓީގެ ހައްގު
  • ރައްކާތެރި އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގު
  • މަސައްކަތް ކުރުމުގެ ހައްގާއި، މަސައްކަތްތެރިންގެ ހައްގުތައް
  • ތަރައްގީވުމުގެ ހައްގު
  • ސަގާފީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ހައްގު
  • ދިރިހުރުމާއި، މިނިވަންކަމާއި ރައްކާތެރިކަމުގެ ހައްގު
  • އިންސާފު ލިބިގަތުމުގެ ހަމަހަމަކަމާއި، އަދުލުވެރިކަމާއި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި ޖަމާއަތް ހެދުމުގެ މިނިވަންކަން
  • ދިވެހި ރައްޔިތަކަށްވުމާއި، ދަތުރުފަތުރު ކުރުމާއި، މަދަނީ ކަންކަމުގައި ބައިވެރިވުމުގެ ހައްގު
  • އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ސަގާފަތެއް ކުރިއެރުވުން

މި އެވެ.

އެ ފްރޭމްވޯކް އެކުލަވައިލާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި، ޔޫއެންޑީޕީ އަދި ޔޫއެންއެފްޕީއޭ ގުޅިގެންނެވެ.

މިރޭ އިފްތިތާހްކުރި ދިވެހިރާއްްޖޭގެ ގާނޫނުތަކުގެ ފޮތްބަޔަކީ ގާނޫނުތައް އެއްތަނަކުން ކިޔާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ނެރުނު ފޮތްބައެކެެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބު އަލްއުސްތާޛް މުހައްމަދު އަނިލް ވިދާޅުވީ، މިރެއިން ފެށިގެން މުއައްސަސާތަކަށް އެ ފޮތްބައި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި އެ ފޮތްބައި އަންނަ މަހުން ފެށިގެން އާއްމުންނަށް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ތަސްދީގު ކުރެވޭ ގާނޫނުތައް އަންނަ އަހަރުގެ ކުރީކޮޅު އޮންލައިންކޮށް އާއްމުންނަށް ބެލޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށާއި، އެގޮތުން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ލެގްޒިސް މޯލްޑިވްސް އާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.