ރާއްޖޭގެ އެއްވަނަ ކުންފުންޏަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހައްދަވައިދެއްވުމަށް އެކުންފުނީގެ މުވައްޒަފުންގެ ކިބައިން އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު އިލްތިމާސް ކުރައްވައިފި އެވެ.

އެމްޓީސީސީއަށް 36 އަހަރު ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ހެނދުނު ވަނީ އަހަރީ ދުވަހުގެ ހާއްސަ ކޭކެއްވެސް ފަޅާފަ އެވެ.

ކޭކު ފެޅުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޒިޔަތު ވިދާޅުވީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް އެމްޓީސީސީ ހެދުމަށް ހުރިހާ މުވައްޒަފުންވެސް އަޒުމް ކަނޑައެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ކާމިޔާބީ ފާހަގަކޮށް އެކުންފުނީގެ ހިއްސާދާރުންނަށާއިި، ކުންފުނީގެ ވިޔަފާރީގެ ބައިވެރިންގެ އިތުރުން ހުރިހާ މުވައްޒަފުންނަށް ޒިޔަތު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދު ހެނދުނު ބޭއްވި ހަފްލާގައި ވަނީ އެކުންފުނީގެ 36 ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް ބޭނުންކުރާނެ ލޯގޯއެއްވެސް ތައާރަފްކޮށްފަ އެވެ.

އެމްޓީސީސީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެކުންފުނީގެ މެނޭޖްމަންޓް ޓީމްގެ މެންބަރުންވަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް، އެ މަރުކަޒުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެމަރުކަޒުގެ މެނޭޖްމެންޓާ ބައްދަލުކޮށް، އެ މަރުކަޒަށް ފައިސާގެ އެހީއެއްވެ ދީފަ އެވެ.

އެމްޓީސީސީން ވަނީ ވޭތުވެ ދިޔަ ތިން އަހަރު އެކަނިވެސް ކެޕިޓަލް އިންވެސްޓްމެންޓުގެ ގޮތުގައި 410 މިލިއަން ރުފިޔާ އިންވެސްޓު ކޮށްފަ އެވެ. މިއަހަރުގެ ތެރޭގައި އެ ކުންފުނިން ޕްރިމިއަމް ފެރީތަކަކާއި ޑަބަލްޑެކް ފެރީވެސް ތައާރަފްކޮށްފައިވެ އެވެ. އަދި އޭގެ އިތުރުން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެކުންފުނިން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ގެންނަ ބޮޑު ޑްރެޖަރު، އަންނަ އަހަރުގެ ކުރީކޮޅު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްޓީސީސީއިން ދަތުރުފަތުރުުގެ ހިދުމަތާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި ގޮނޑުދޮށް ރައްކާތެރި ކުރުންފަދަ ހިދުމަތް ދަނީ ދެމުންނެވެ. އަދި އޭގެ އިތުރުން ގެދޮރު އިމާރާތްކުރުމުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.

ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމްގެ ރާއްޖޭގެ އެޖެންޓަކީވެސް އެމްޓީސީސީ އެވެ.