10 Dec 2016, 19:57
ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ފޮއްދޫ އެފްސީ ބަލިކޮށް، މަނަދޫ އެފްޓީން ޕޮއިންޓުގެ ގޮތުން ކެނދިކުޅުދޫ އެފްސީއާ އެއްވަރުކޮށްފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި ފޮއްދޫގެ މައްޗަށް މަނަދޫ ކުރި ހޯދާފައި ވަނީ 5-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ މިނެޓުގައި ފޮއްދޫން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑު ފޮއްދުއަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަދުލީ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މަނަދޫން ވަނީ ދެ ލަނޑު ޖަހައި، ލީޑު ހޯދައިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މަނަދުއަށް ހުސައިން ނާއިފް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ އިބްރާހިމް ނައުފަލް އެވެ.
މެޗުގެ 60 ވަނަ މިނެޓުގައި މަނަދުއަށް އަބްދުﷲ އިޝާން ލީޑު ފުޅާކޮށްދިން އިރު، މެޗުގެ 71 ވަނަ މިނެޓުގައި މަނަދޫގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ހަލީމް މުހައްމަދެވެ. މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް، މަނަދޫގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އިބްރާހިމް ނައުފަލް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް ނައުފަލް އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މަނަދުއާއި ފޮއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މަނަދޫ މޮޅުވީ 5-1 ލަނޑުން ---
އެ ނަތީޖާއާ އެކު 'ގްރޫޕް ސީ'ގެ އެންމެ ކުރީގައި އޮތް ކެނދިކުޅުދޫއާ ޕޮއިންޓްގެ ގޮތުން މަނަދޫ ވަނީ އެއްވަރުކޮށްފައެވެ. މަނަދުއާއި ކެނދިކުޅުދުއަށް، ކޮންމެ ޓީމަކަށް ވެސް ދެ މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. މާޅެންދުއަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް ފޮއްދުއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ކުޑަފަރީ އެފްސީ އާއި ވެލިދޫ އެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.