10 Dec 2016, 19:14
ދުނިޔޭގެ މުސްލިމް ޖަމާއަތްތަކަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކާ ގުޅޭގޮތުން ޕާކިސްތާނު ސަރުކާރުން އިސްނަގައިގެން ބާއްވާ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާން ނިންމައިފިއެވެ.
ޕާކިސްތާނުގެ ލާހޫރުގައި މާދަމާއިން ފެށިގެން ދެދުވަހުގެ މުއްދަތަށް ބާއްވާ "އިންޓަރނޭޝަނަލް ސީރަތު ކޮންފަރެންސް 2016"ގެ ނަމުގައި އެ މަޝްވަރާތަކުގައި ޕާކިސްތާނުގެ އެކި ވުޒާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކެއްގެ މަންދޫބުން ބައިވެރިވާނެ އެވެ.
އެގޮތުން އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު ހުސެއިން މައުރޫފް ވަނީ މިއަދު ޕާކިސްތާނަށް ވަޑައިގެންފައެވެ. އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެ ދެބޭފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.
ރާއްޖޭގެ ފަރާތުން ބައިވެރިވާ މަޝްވަރާތަކުގައި، މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ދިގު ރާސްތާ ފިޔަވަޅުތަކަކާމެދު މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމަށް މަސައްކަތްކުރާނެއެވެ.
އޭގެ އިތުރުން އިސްލާމް ދީނުގެ ދިފާއުގައި ކުރާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްއޮތް ޖީލުތަކަށް ދެމިގެންދާނޭހެން ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް، އެއްގައުމު އަނެއްޤައުމާއި ދޭތެރޭ އޮންނަ ގުޅުން ހަރުދަނާކުރުންވެސް އެ ބައްދަލުވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެގޮތުން، އެ މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ބައިގައި މަޝްވަރާ ކުރާނީީ މުސްލިމް ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާބެހޭ ގޮތުންނެވެ. އެއަށްފަހު އެ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ހަތަރު ކަމަކާގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް، އެކި ޤައުމުތަކުގެ ފަރާތުން ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ހަތަރު ދާއިރާއަކީ:
- ތަފާތު ދީންތަކުގެ މީހުން އެއްޖަމާއަތެއްގެ ތެރޭގައި އުޅޭ މުޖްތަމައުތަކުގެ އަމާންކަމާއި ސުލްހަވެރިކަމުގެ މުހިންމު ކަމާއި އެކަމަށްޓަކައި ކުރެވިދާނެ މަސައްކަތްތައް
- ޒަމާނީ މީޑިއާގެ މުހިންމުކަމާއި މީޑިއާގެ ވަސީލަތްތައް ބޭނުންކުރެވޭނެ އެންމެ އެކަށޭނެ ގޮތްތައް
- ދީނީ އިލްމުވެރިންގެ މުުހިންމުކަމާއި ދީނީ އިިލްމުވެރިންގެ ދައުރު
- ތައުލީމީ މުގައްރަރުގެ މުހިންމުކަން؛ އަންނަންއޮތް ޖީލުތަކުގެ ދުޅަހެޔޮކަމާ ތަޢުލީމީ މުގައްރަރުތައް މުތޯލިއާކޮށް އިސްލާހުކުރުމާ ގުޅިފައިވާ މިންވަރު، މުސްތަގުބަލުގައި މިކަމުން ނިކުންނާނެ ނަތީޖާ އަދި ކުރިއަށް އަންނަންއޮތް ޖީލުތަކުގައި މި ނަތީޖާގެ ދައުރު ހިއްސާވާ މިންވަރު
މި މަޝްވަރާތަކުގެ އިތުރުން، ބައްދަލުވުމުގައި ބައިވެރިވާ ދުނިޔޭގެ އެކި ގައުމުތަކުގެ ބައިވެރިންގެ ސިޔަރަތު ކިޔުމާއި އެކި ގައުމުތަކުގެ ބައިވެރިންގެ ގުރުއާން ކިޔެވުމުގެ ހުނަރު ހިއްސާކުރުން ވެސް ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެއެވެ.