ވޮޝިންޓަން(ޑިސެމްބަރު 10): އަންނަ ހަފްތާ ތެރޭގައި ރިލީޒް ކުރަން ހަމަޖައްސާފައިވާ ސްޓާ ވޯސް ފިލްމް،ރޯގް ވަންބޯއިކޮޓް ކުރަން ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކުން ގޮވާލައިފި އެވެ.

ސްޓާ ވޯސް ބޯއިކޮޓް ކުރުމަށް ގޮވާލާ ކެމްޕެއިން ފެށިފައި ވަނީ ޓްރަމްޕަކީ ނަސްލީ ގޮތުން ތަފާތުކުރާ މީހެއް ކަމަށް ބުނާ ސްކްރިޕްޓެއް ހިމަނައިގެން ފިލްމު އަނެއްކާވެސް ޝޫޓް ކޮށްފައިވާ ކަމަށް ބުނެ ސިޓިޒެންސް ފޯ ޓްރަމްޕްގެ އެކްޓިވިސްޓެއް ކަމަށްވާ ޖެކް ޕޮސޯބިއެކް ކުރި ޓުވީޓުތަކަކާ ގުޅިގެންނެވެ.

އަދި އެއް ދުވަސް ތެރޭ 'ޑަމްޕްސްޓާވޯޒް" ހޭޝްޓެގް ވަނީ 120،000 ފަހަރު ޓުވީޓުކޮށްފައެވެ.

"ސްޓާ ވޯސްގެ ލިޔުންތެރިން ވަނީ ޓްރަމްޕަކީ ނަސްލީ ގޮތުން ތަފާތުކުރާ މީހެއް ކަމަށް ބުނާ ސީންއެއް ލިޔެ އަލުން ޝޫޓް ކޮށްފަ،" ޕޮސޯބިއެކްގެ ޓުވީޓުގައިވެ އެވެ.

ނަމަވެސް ފިލްމުގެ ސްކްރީންޕްލޭ ލިޔުނު ފަރާތެއް ކަމަށްވާ ކްރިސް ވެއިޓްޒް ވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށް ބުނެފައެވެ.

ވެއިޓްޒް އާއި ރޯގް ވަންގެ އިތުރު ލިޔުންތެރިއަކު ވަނީ މީގެ ކުރިން ޓްރަމްޕާ ދެކޮޅަށް ޓުވީޓުތަކެއް ކޮށްފައެވެ. (ބީބީސީ)