10 Dec 2016, 16:11
ދެ ދާއިރާއަކުން ފަންނީ މާހިރުންނާއި، ދީނީ ޢިލްމުވެރިން ރާއްޖެއަށް ފޮނުވުމުގެ ޝައުގުވެރިކަން ފަލަސްތީނުން ފާޅުކޮށްފިއެވެ.
އިންޑޮނޭޝިއާގެ ބާލީގައި މިހާރު ކުރިޔަށް ދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ފޯރަމްގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ، ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކީއާ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ފަލަސްތީނުގެ ވަޒީރު ވަނީ، ފޮރިން މިނިސްޓަރާ އެކު، ބައިނަލްއަގުވާމީ އަދި ސަރަހައްދީ މަސްރަހުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އަދި ދެ ބޭފުޅުން ވަނީ، ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، ދެ ގައުމަށް ވެސް ނަފާ ލިބޭނެ ކަންކަން ކުރުމަ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ.
ފަލަސްތީނުގެ ވަޒީރު ވަނީ، އަރަބި ބަހާއި ދަނޑުވެރިކަމުގެ ދާއިރާގެ މާހިރުންނާއި، މެދުމިނުގެ ދީނީ އިލްމުވެރިން ރާއްޖެއަށް ފޮނުވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ.
އެކަމަށް ފޮރިން މިނިސްޓަރު އާސިމް މަރުހަބާ ވިދާޅުވި ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ "މިޑްލް އީސްޓް މޮނިޓަރ" ނޫހުން ބުނެއެވެ.
ފަލަސްތީނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ދައުލަތެކެވެ.
ފަލަސްތީނަށް އދގެ އޮބްޒާވަރ ސްޓޭޓަސް ލިބުމާ އެކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، ފަލަސްތީނުގެ ދިދަ، ނިއު ޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގެ ބޭރުގައި ވަނީ ނަގައިފައެވެ. އަދި 2015 އޮކްޓޫބަރުގައި ޖެނީވާގައި ހުންނަ އދގެ އޮފީހުގައި ވެސް ވަނީ ފަލަސްތީނުގެ ދިދަ ނަގައިފައެވެ.