10 Dec 2016, 15:06
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާ އިން ނަގަން ފެށި ފުރަތަމަ މަހު، ޓެކްސްގެ ގޮތުގައި 6.8 މިލިޔަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބިއްޖެ އެވެ.
ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓު، ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން ފެށީ މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ފަރާތްތަކުން ރެމިޓެންސް ޓެކްސް ނަގަން ޖެހޭ އިރު، އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހެނީ އެ ފަރާތުންނެވެ.
ކޮންމެ މަހެއްގައި ވެސް ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ މީރާ އަށް ދައްކަން ޖެހެނީ، ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.
އޮކްޓޫބަރު މަހު ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ، ނޮވެމްބަރު 15 އަށް ދައްކާފައިވާ އިރު، މީރާއިން މިދިޔަ ހަފްތާގައި ނެރުނު، ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ރެމިޓެންސް ޓެކްސްގެ ގޮތުގައި 6,822,074 ރުފިޔާ އެވެ. އެއީ ނޮވެމްބަރު މަހު މީރާ އަށް ލިބުނު 1,008,455,214 (އެއް ބިލިޔަން) ރުފިޔާގެ 0.1 ޕަސަންޓު ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
ފެށޭ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކުން، ފައިސާ ނެގިޔަސް ރެމިޓަންސް ޓެކްސް ނަގާނެ އެވެ.
ނޮވެމްބަރު މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 526 މިލިޔަން ރުފިޔާ ލިބުނެވެ.
އޭގެ އިތުރުން، ރަށްރަށުގެ އެކުއިޒިޝަން ފީގެ ގޮތުގައި 87 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، ރަށްރަށް ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 76 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިިބިފައިވެ އެވެ.
ނޮވެމްބަރު މަހު އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 43,714,983 ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާގެ މުޅި އަހަރުގެ ޖުމްލައަށް ބަލާއިރު، ޖެނުއަރީ އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ.