10 Dec 2016, 14:31
ކަނޑުމަތީގައި އުޅޭ މަސްވެރިންނަށް، މަސްދޯންޏާއި އެހެނިހެން އުޅަނދުފަހަރު އުޅޭ ހިސާބު ފަސޭހައިން ބަލާލެވޭނެ މަގު ފަހިކޮށްދޭ، އުރީދޫ ލޮކޭޓް ސެޓެލައިޓް މިއަދު ތައާރަފު ކޮށްފި އެވެ.
މިއަދު ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހާ ވެސް ގުޅުވައިގެން، އުރީދޫއިން ތައާރަފުކުރި މި ޚިދުމަތް ލިބެނީ އެކަމަށް ޚާއްސަ ޑިވައިސަކުންނެވެ. އެ ޑިވައިސްއާ އެކު ޚާއްސަ ވެބް ޕޯޓަލަކާއި އެޕްލިކޭޝަނެއް ވެސް އޮވެ އެވެ.
އުރީދޫ އިން ބުނީ، ސެލިއުލާ ނުވަތަ ރޭޑިއޯ ސިގްނަލް ނުލިބޭ ސަރަހައްދުތަކުގައި ދޯނިފަހަރާއި ފަޅުވެރިން، އެއްގަމާ ގުޅުވައިދެނީ ސެޓެލައިޓް މެދުވެރިކޮށް ކަމަށްވާ އިރު، އުރީދޫ އިން ތައާރަފުކުރި ލޮކޭޓް ސެޓެލައިޓް މެދުވެރިކޮށް އެ ޚިދުމަތް ލިބޭނެ ކަމަށެވެ.
އަދި އިންޖީނުގެ ހާލަތާއި، އުޅަނދުގައި ބޭނުންކުރާ ތެލުގެ މައުލޫމާތާއި ދަތުރުކުރާ ރޫޓުތަކާޢި އަދި ކަނޑައަޅާފައިވާ ވަކި ސަރަހައްދަކުން ބޭރަށް އުޅަނދު ނުކުމެއްޖެ ނަމަ އެކަން އަންގައިދޭ، ޖިއޯފެންސިންގް އެލާޓެއްގެ ޚިދުމަތް ވެސް މީގެން ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އެ ޚިދުމަތް ތިން ޕެކޭޖެއްގެ ދަށުން ލިބެ އެވެ. އެއީ އުރީދޫ ލޮކޭޓް ސެޓެލައިޓް 599، ލޮކޭޓް ސެޓެލައިޓް 799 އަދި ލޮކޭޓް ސެޓެލައިޓް 1،199 އެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާ އެކު، އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ މިއަދު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާ އުރީދޫއާ އޮންނަ ގާތް ގުޅުމާ މެދު ފަޚުރުވެރިވާ ކަމަށެވެ.
ވިކްރަމް ވިދާޅުވީ، އުރީދޫ އިން މިއަދު ތައާރަފު ކުރި ޑިވައިސްގެ ބޭނުން ކުރާ ފަރާތްތަކަށް، އޮޑިދޯނިފަހަރު ދަތުރުކުރަމުންދާ ސަރަހައްދު ޓްރެކްކޮށް، ފަޅުވެރިންނާއި މުދަލުގެ ރައްކާތެރިކަން އިތުރުކޮށްދިނުން ފަދަ މުހިންމު ފައިދާތަށް ލިބިގެން ދާނެ ކަމަށެވެ.
"މުސްތަޤްބަލުގައި ވެސް އަޅުގަނޑުމެން މަސައްކަތްކުރަމުންދާނީ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ޙިދުމަތްތަށް މެދުވެރިކޮށް މިދާއިރާ އަށް ފުރިހަމަ އެއްބާރުލުން ދިނުމަށް،" ވިކްރަމް ވިދާޅުވި އެވެ.
އުރީދޫ އިން މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ، ޔޫއޭއީގެ އޮޕަރޭޓަރު ، އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ މަސްވެރިންނަށް މޯބައިލް ސެޓަލައިޓް ޚިދުމަތްތައް ފޯރުކޮށްދޭން ވެސް ފަށައިފަ އެވެ.