10 Dec 2016, 14:25
ގއ. ދާންދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ.
"މަޓަސް ހާންނަ އެގެއި"ގެ ނަމުގައި ކުރިޔަށް ގެންދިޔަ އެ ޕްރޮގްރާމް އެވެ. އަދި އެ ޕްރޮގްރާމް، މިހިނގާ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެވެ.
ދާންދޫ ސްކޫލުގެ ދަރިވަރުންނާއި، ދާންދޫގެ މުއައްސަސާތަކުން ބައިވެރިވި ފަރާތްތަކާ އެކު ޖުމްލަ 45 ދަރިވަރުންނާއި 12 މީހަކު ވަނީ ސެޓްފިކޭޓް ހޯދައިފައެވެ.
ފަތަން ދަސްވި ފަރާތްތަކަށް ސެޓްފިކޭޓް ބައްސަވައިދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު، ކާނަލް އަބްދުﷲ އިބްރާހީމެވެ.
ދާންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މި ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ސްކޫލު ދަރިވަރުންނަ ގުޅޭ ގޮތަށް، އިތުރު ހަރަކާތްތަކަކާ އެކު އެވެ. މިކަމުގެ ސަބަބުން ދަރިވަރުން އެ ޕްރޮގްރާމަށް ދިން އަހައްމިއްޔަތުކަން ބޮޑުވި ކަމަށް ކައުންސިލުން ބުނެ އެވެ.
އެ ހަރަކާތް ކުރިޔަށް ގެންދިޔައީ ދާންދޫ ސްކޫލުން، އެމްއެންޑީއެފް ސަދަން އޭރިއާއާ ގުޅިގެންނެވެ. އެ ހަރަކާތަށް ދާންދޫ ކައުންސިލާއި އެރަށު ހެލްތު ސެންޓަރުގެ އިތުރުން އެރަށުގެ ފުލުހުންގެ އެއްބާރުލުން ދިން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.