ކޮކާކޯލާ ކުންފުނީގެ ސީއީއޯ މުހްތާރް ކެންޓް، އަންނަ އަހަރުގެ މޭ މަހު އެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެެ ކުންފުނިން ބުނެފި އެވެ.

އެމެރިކާގެ ދަ ކޮކާކޯލާ ކޮމްޕެނީ އިން ހުކުރު ދުވަހު އިއުލާން ކޮށްފައިވާ ގޮތުން، މުހްތާރް ކެންޓް ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާނީ 2017 މޭ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް، މިހާރު ވެސް އޭނާ އަދާކުރަމުން ގެންދާ، އެކުންފުނީގެ ޗެއާމަންގެ މަގާމުގައި ދެމި ހުންނަވާނެ އެވެ.

ކޮކާކޯލާގެ ސީއީއޯގެ މަގާމަށް ކެންޓް ވަޑައިގަތީ 2008 ވަނަ އަހަރު އެވެ. އަދި ކުންފުނީގެ ބޯޑުގެ ޗެއާމަންކަމާ ހަވާލުވެވަޑައިގަތީ 2009 ވަނަ އަހަރު އެވެ.

ސީއީއޯގެ މަގާމުން ކެންޓް އިސްތިއުފާ ދެއްވުމުން، އެ މަގާމެއް ދެން ވަޑައިގަންނަވާނީ ދަ ކޮކާކޯލާ ކޮމްޕެނީގެ ރައީސް އަދި ސީއޯއޯ ޖޭމްސް ކިންސީ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޖޭމްސް ކިންސީއަކީ މިދިޔަ 20 އަހަރު ދުވަހު ކޮކާ ކޯލާ ކުންފުނީގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ.

ކޮކާކޯލާއަކީ، ފޯބްސް މަޖައްލާ ބުނާ ގޮތުގައި، އެޕަލް، ގޫގްލް އަދި މައިކްރޮސޮފްޓް ނަގާފައި، ދުނިޔޭގައި އެންމެ މަގުބޫލު ބްރޭންޑެވެ.

މީގެ އިތުރުން ކޮކާކޯލާއަކީ ދުނިޔޭގައި އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކާބޮނޭޓެޑް ސޮފްޓް ޑްރިންކެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު ވެސް ކޮކާކޯލާގެ 1.2 ބިލިޔަނަށް ވުރެ ގިނަ ޕްރޮޑަކްޓް، ދުނިޔޭގެ އެކި ހިސާބުތަކުގައި ވިކެ އެވެ.