އުތުރުކޮރެއާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ކަމަށް ހީކޮށް، 119 މީހުންނާ އެކު ޗައިނާ އިން ފުރައިގެން ދަތުރުކުރި ޕެސެންޖާ މަތިންދާ ބޯޓަކަށް ދެކުނު ކޮރެއާ ސިފައިން ބަޑިޖަހައިފި އެވެ.

ދެކުނުކޮރެއާގެ އޮފިޝަލަކު ބުނި ކަމަށް އެގައުމުގެ ޔޮންހަޕް ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ ދެކުނުކޮރެއާގެ ހުޅަނގު އައްސޭރީގައިވާ ގްޔޯޑޮންގެ ގާޑްޕޯސްޓެއްގައި ތިބި ސިފައިން ދެކުނު ކޮރެއާގެ ބޯޓަށް ބަޑިޖެހީ އެބޯޓް ސޯލްގެ އިންޗިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދަނިކޮށެވެ.

"ބަޑިޖެހުން ގާތްގަނޑަކަށް 10 މިނެޓަށް ކުރިއަށް ދިޔަ، ނަމަވެސް ބޯޓް އޭރު ހުރީ ރައިފަލްގެ ރޭންޖަށް ވުރެ ދުރުގައި، އެހެންވެ ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބޭ." ދެކުނުކޮރެއާގެ މެރިންކޯޕްސްގެ އޮފިޝަލަކު ވިދާޅުވިކަމަށް އަލްޖަޒީރާގެ ހަބަރުގައިވެ އެވެ.

ދެކުނު ކޮރެއާގެ އޭވިއޭޝަން ކޮންޓްރޯލާ އަކު އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެ ގައުމުގެ އެއާލައިނެއް ކަމަށްވާ އޭޝިއާނާ އެއާލައިންގެ ބޯޓް ދަރުކުރަމުން ދިޔައީ އާއްމުކޮށް ދަތުރުކުރާ މަގުން ކަމަށެވެ.
ދެކުނު ކޮރެއާ ސިފައިން އޭޝިއާނާ އެއާލައިންގެ މަތިންދާ ބޯޓާ ދިމާއަށް 99 ފަހަރު ބަޑިޖަހާފައިވާ ކަމަށް އަލްޖަޒީރާ ބުނެ އެވެ.

ދެކޮރެއާގެ ގުޅުން ގޯސްވެ، ދެކުނުކޮރެއާ ސަރުކާރާ މުއާމަލާތްކުރުން އުތުރުން ހުއްޓާލާފައިވާކަން އުތުރުކޮރެއާ ސަރުކާރުން މިދިޔަ މަހު ވަނީ އިއުލާންކޮށްފަ އެވެ.