10 Dec 2016, 11:38
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ގޮސް، ތައުލީމާއި ތަމްރީނު ހޯދޭނެ ފުރުސަތުތަކެއް އަންނަ އަހަރުގެ ތެރޭގައި ހޯދައިދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި ބޭއްވި "އެމްޑީ އެވޯޑްސް" ދިނުމުގެ ހަފްލާގައި، އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މުވައްޒަފުން ތަމްރީނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެމްއޭސީއެލްއިން މިހާރުވެސް ވަނީ އެކުންފުނީގެ ގިނަ މުވައްޒަފުންނަށް، ކުންފުނީގެ ޚަރަދުގައި ކިޔެވުމުގެ ފުރުސަތުތައް ހޯދައިދީފައެވެ.
އާދިލް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހުރެގެން ކިޔެވޭނެ މަގު، މުވައްޒަފުންނަށް ތަނަވަސް ކޮށްދީފައިވާ އިރު، އަންނަ އަހަރު ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ.
"އަންނަ އަހަރު ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތަކީވެސް އެއް އަމާޒުކަމުގައި މި ބަލަނީ. އަޅުގަނޑުމެން އެއާޕޯޓު ތަރައްގީ ކުރުމާއި ބޮޑު އިންވެސްޓްމެންޓެއް ކުރުމާއި، ހަމައެކަނި އިމާރާތެއް އެޅުމުން ތަރައްގީވީއެއް ނޫން. މުވައްޒަފުން ވެސް ތަމްރީނުވާން ޖެހޭ،"
މީގެ އިތުރުން އާދިލް ވިދާޅުވީ، ކުރިން ހުއްޓިފައި އޮތުމަށްފަހު، މިއަހަރު އަނެއްކާވެސް އެއާޕޯޓުގެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ކަންކަން އަލުން ފަށައިގަނެވުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަން ކުރަން އޮންނަ އުސޫލަކީ އެންމެ ގަބޫލުކުރެވޭ ގޮތް ނޫން ކަމަށް އާދިލް ފާހަގަކުރެއްވިއެވެ.
"ގިނަ މުވައްޒަފުންނަށް ފުރުސަތު ހުޅުވޭނެ ގޮތަކަށް ބައްޓަންކޮށް، އަންނަ އަހަރު 10 މުވައްޒަފުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ހުޅުވާލާނެ،" އޭނާ ވިދާޅުވިއެވެ.
އާދިލް އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގެ މުވައްޒަފުންނަށް އެންމެ ދަތިވެފައިވާ މައްސަލައަކީ އެތަނުގައި ހުންނަ ކެންޓީނުގެ މައްސަލަ ކަމަށެވެ.
"އިތުރު ކެންޓީނެއް ހުޅުވުމަށް ކުރަންޖެހޭ ކަންކަން ކުރިޔަށް ގެންދިއުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ އަދަދު ޖެހިން. މިހާރަށް ވުރެ ރަނގަޅު، އިތުރު ސެޓްއަޕެއް ހެދޭނެ. މިއީ އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާނެ އެއް ކަންތައް،" އާދިލް ވިދާޅުވިއެވެ.
މިހާރު އެއާޕޯޓުގައި ހުންނަ ޖިމްއަކީ އެމްއޭސީއެލްގެ "ސެޓްއަޕްއެއް ނޫން" ކަމަށް ވިދާޅުވެ، އާދިލް ވިދާޅުވީ ރަނގަޅު އިމާރާތެއްގައި، އަދި ދެ ޖިންސުގެ މީހުންނަށް ވަކިން ތިބޭވޭނެ ގޮތަށް ޖިމް ފެސިލިޓީއެއް ވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ހުރިހާ ކަމެއް އެއް އަހަރުގެ ތެރޭގައި ނުވާނެ ކަންނޭނގެ. އެހެން ނަމަވެސް އެކި އަހަރުތަކުން، މުވައްޒަފުން އެދޭ ގިން ކަންކަން އަޅުގަނޑުމެން އަބަދުވެސް މަގުފަހިކޮށްދީ، ފޯރުކޮށްދެވޭނެ ގޮތްތައް މިދަނީ ހަމަޖައްސަމުން،" އާދިލް ވިދާޅުވިއެވެ.