ޗެންނާއީ (ޑިސެމްބަރު 10): އިންޑިއާގެ އިންކަމް ޓެކްސް ޑިޕާޓްމެންޓުން ކުރިއަށް ގެންދިޔަ ތަހުގީގެއްގައި ޗެންނާއީގެ އަށް ގެޔަކުން 90 ކުރޯޑު ރުޕީސް (13،336 ޑޮލަރު) އާއި 100 ކިލޯގެ ރަން ހޯދައިފި އެވެ.

މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ގުރޫޕަކަށް ނިސްބަތްވާ އަށް ގެއިން ހޯދި ފައިސާގެ ތެރެއިން 80 ކުރޯޑަކީ އުވާލާފައިވާ 500 އަދި 1000 ނޫޓުތައް ކަމަށާއި 10 ކުރޯޑަކީ އަލަށް ތައާރަފް ކުރި 2000 ނޫޓުތައް ކަމަށް އޮފިޝަލުން ބުންޏެވެ. އަދި އެގެތަކުން ހޯދި 100 ކިލޯގެ ރަނުގެ އަގު 30 ކުރޯޑަށް އަރާނެ ކަމަށް އޮފިޝަލުން ލަފާ ކުރެ އެވެ.

އިންޑިއާއިން ކަޅު ފައިސާ ނައްތާލުމަށްޓަކައި މިދިޔަ މަސް ތެރޭގައި 500 ރުޕީސް އާއި 1000 ރުޕީސްގެ ނޫޓު އުވާލައި، އާނޫޓުތައް ތައާރަފް ކުރި ފަހުން ގިނަ ބަޔަކަށް އަދިވެސް ބޭނުންވާ މިންވަރަށް އާނޫޓުތައް ލިބިފައި ނުވަނީސް އެގުރޫޕުން 10 ކުރޯޑުގެ އާނޫޓުތައް ހޯދި ގޮތް ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ޓެކްސް ޑިޕާޓްމެންޓުން ބުންޏެވެ.

އިންޑިއާގެ އިންކަމް ޓެކްސް ޑިޕާޓްމެންޓުން މިހާރު ވަނީ ޓެކްސް ނުދައްކާ ފޮރުވައިގެން ގެންގުޅޭ ފައިސާ ހޯދުމަށް ތަހުގީގުތައް ފަށައިފަ އެވެ. އެ ތަހުގީގުތަކުން ޓެކްސް ނުދައްކާ ރައްކާކޮށްފައި ހުރި 2000 ކުރޯޑު ރުޕީސްގެެ މުދާ ހޯދާފައިވާ ކަމަށް އެޑިޕާޓްމެންޓުން ބުންޏެވެ. (ޓައިމްސް އޮފް އިންޑިއާ)