ވޮޝިންޓަން (ޑިސެމްބަރު 10): އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލި ހެކް ކޮށްފައިވާ އީމެއިލްތަކުގެ މައްސަލަ ތަހުގީގު ކުރަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަމުރު ކުރައްވައިފި އެވެ.

ޑިމޮކްރަޓިކް ނެޝަނަލް ކޮމިޓީ އާއި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަންގެ ކެމްޕެއިންގެ ޗެއާމަން ޖޯން ޕޮޑެސްޓާގެ އީމެއިލް އެކައުންޓްތައް ހެކް ކުރި މައްސަލާގައި ރަޝިއާގެ އަތެއްވާ ކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލުން ވަނީ މީގެ ކުރިން ވެސް ތުހުމަތުކޮށްފަ އެވެ.

ޕޮޑެސްޓާގެ އީމެއިލްތައް ހާމަ ކުރީ ވިކިލީކްސްއިންނެވެ.

އެމައްސަލާގައި "ހެކް ކޮށްގެން ހޯދާފައިވާ ޑިމޮކްރަޓިކް ނެޝަނަލް ކޮމިޓީ އާއި ހިލަރީ ކްލިންޓަންގެ ކެމްޕެއިން ޗެއާމަނަށް ނިސްބަތްވާ އެތައް ހާސް އީމެއިލްތައް ވިކިލީކްސްއަށް ފޯރުކޮށްދިން ކަމަށް ބެލެވޭ ރަޝިއާ ސަރުކާރާ ގުޅުން ހުރި ބަޔަކު އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން ހޯދާފައި"ވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައިވެ އެވެ.

އަދި ރަޝިއާ އިން އީމެއިލްތައް ހެކް ކުރީ ރިޔާސީ އިންތިހާބުން ޑޮނަލްޑް ޓްރަމްޕް ކުރި ހޯއްދަވާނެ ކަން ޔަގީން ކުރުމަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރަޝިއާގެ އޮފިޝަލުންނާއި އަންނަ މަހު ވެރިކަމުގެ ހުވާ ކުރައްވާނެ ޓްރަމްޕް ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

"އަޅުގަނޑު އެކަން ގަބޫލެއް ނުކުރަން. ރަޝިއާ އިން އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޓްރަމްޕް ވިދާޅުވި އެވެ.

އަދި އެތުހުމަތުތަކަކީ ސިޔާސީ ބޭނުމެއް އޮވެގެން ކުރާ ތުހުމަތުތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕް ވަނީ ހިލަރީގެ އީމެއިލްތައް ހޯދުމަށް ރަޝިއާއަށް ގޮވާލައްވައިފަ އެވެ.

އެމައްސަލައިގެ ތަހުގީގު އޮބާމާ ވެރިކަމުން ފައިބާވަޑައިގަތުމުގެ ކުރިން ނިންމާނެ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ.

"އަޅުގަނޑުމެންގެ އިންޓެލިޖެންސްގެ އަޑު އައްސަވައި އީމެއިލްތައް ހެކް ކޮށްފައި ވަނީ ރަޝިއާ އިން ކަމަށް ގަބޫލު ކުރެއްވުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމުގެ ސަބަބުން، އަންނަ މަހު ރައީސް އޮބާމާ ވެރިކަމުން ފައިބާ ވަޑައިގަތުމުގެ ކުރިން މައްސަލަ ރަނގަޅަށް ބަލަން ޖެހޭ،" ޑިމޮކްރަޓިކް ކޮންގްރެސްމެން އެޑަމް ޝިފް ވިދާޅުވި އެވެ.

އެތަހުގީގުގެ ރިޕޯޓު އާއްމު ކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފައި ނުވެ އެވެ. (ބީބީސީ)