ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މާޅެންދޫ އެފްޓީން ކެނދުކުޅުދޫ އެފްސީ ހިފަހައްޓައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކެނދިކުޅުދުއާއި މާޅެންދޫ ކުޅުނު 'ގްރޫޕް ސީ'ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގައި އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކެނދިކުޅުދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މާޅެންދޫގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވިފައެއް ނުވެ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކެނދިކުޅުދޫގެ އަލީ ބުޝްރީ އެވެ.

އެ މުބާރާތުގެ 'ގްރޫޕް ސީ'ގެ އެއް ވަނައިގައި އަދިވެސް އޮތީ ކެނދިކުޅުދޫ އެވެ. އެ ޓީމަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް މާޅެންދުއަށް ދެ މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ. މަނަދުއަށް އެއް މެޗުން ޕޮއިންޓެއް ލިބިފައިވާ އިރު، ފޮއްދުއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މާޅެންދުއާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން ---

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ސީ'ގެ މެޗުގައި ބައްދަލުކުރާނީ ފޮއްދޫ އެފްސީ އާއި މަނަދޫ އެފްޓީ އެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.