09 Dec 2016, 19:53
މިހާރު ރާއްޖެ އައިސްގެން އުޅޭ ޔޫއެންގެ އޮފިޝަލުންތަކެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މާފުށީ ޖަލުން ބައްދަލު ކޮށްފި އެވެ.
އެނގިފައިވާ ގޮތުން މިދިޔަ ބުދަ ދުވަހު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ޔޫއެންގެ ފަރާތުން ބައިވެރިވަޑައިގެންފައި ވަނީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ދެ މެމްބަރަކެވެ.
އަދީބުގެ އިތުރުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާވެސް ޔޫއެންގެ ވަފުދުން ވަނީ ބައްދަލުކޮށްފަ އެވެ. ނަމަވެސް އޭނާ އެއްވެސް ބައްދަލުވުމެއްގެ ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ 33 އަހަރުގެ ޖަލު ހުކުމް ތަކެކެވެ. އެއީ ތަފާތު ތިން ދައުވާއެއް ސާބިތުވެގެންނެވެ. މިހާރުވެސް އަދީބުގެ މައްޗަށް ދެ ދައުވާއެއް އުފުލި ޝަރީއަތްތަތަށް ދަނީ ކުރިއަށެވެ.
އަދީބުގެ އިތުން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާވެސް ޔޫއެންގެ ވަފުދުން ވަނީ ބައްދަލުކޮށްފަ އެވެ.
މަހުލޫފު ޖަލަށް ލާން ހުކުމްކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރިކަމުގެ ދެ ދައުވާއެއް ސާބިތުވެގެންނެވެ.