09 Dec 2016, 19:35
ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އުފެދިފައި ވަނީ، އާދައިގެ ގުޅުމެއް ނޫންކަމަށާއި އެއީ ވަކި ނުކުރެވޭފަދަ އަގުހުރި މާތް ގުޅުމެއް ކަމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރައްވާ އިސްފަރާތްތަކާއެކު ބުރާސްފަތި ދުވަހުގެ ރޭ، ހޮޓެލް ޖެންގައި ބޭއްވި، "އިންފޯމަލް އިންޓަރެކްޝަން އޮން އިންޑިއާ-މޯލްޑިވްސް ރިލޭޝަންސް"ގައި ވާހަކަފުޅުދައްކަވަމުން މިޝްރާ ވިދާޅުވީ، މީގެ އެތަކެއް އަހަރުތަކެއް ކުރީން ފެށިގެން ރާއްޖެއާ އިންޑިއާއާ ދެމެދު ވަރަށް ފުންކޮށް އަދި އެހާމެ ފުޅާކޮށް ގުޅުންތައް އުފެދިފައިވާ ކަމަށާއި، ބަޔަކު ހިތްހަމަ ޖެހުނަސް ނުޖެހުނަސް މި ގުޅުން އަބަދުވެސް އެގޮތުގައި ދެމި އޮންނާނޭ ކަމަށެވެ.
"އަހަރެމެން ގުޅުވައިދެނީ ހިންދު ކަނޑުގެ ލޮނުގަނޑު. ބަޔަކު ގަޔާވިޔަސް އަދި ނުވިޔަސް އަހަރެމެންނަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ އަގު ވަޒަންކުރާނަން. އަހަރެމެންގެ މި ގުޅުމަށް ބަލާއިރު، ފިޒިކަލީ އަދި ޖޯގްރަފިކަލީވެސް އަހަރެމެން ވަނީ ވަރަށް ގާތުގައި،" މާތްﷲގެ ރަހްމަތުން މި ދެ ގައުމު ވަނީ ވަކިނުވެވޭފަދަ އެއްބަނޑު އެއްބަފާ ގުޅުމަކުން ބަނދެވިފައިކަން ސިފަކުރައްވަމުން އެމްބެސެޑަރު ވިދާޅުވިއެވެ.
"އިންޑިއާ އާ ރާއްޖެއާ ދެމެދު، އިޖްތިމާއީ، ސަގާފީ، ތާރީޚީ، ދީނީ އަދި ރޫހާނީ ގޮތުންވެސް ހުރިހާ ފެންވަރެއްގައި ގުޅުންތައްވަނީ މާކުރީންސުރެވެސް ގާއިމުވެފައި،
"މީގެ އިތުރުން ގްރާސްރޫޓް ލެވެލުން ފެށިގެން އެންމެ މަތީ ފަންތީގެ ގުޅުންތައް ވަނީ މީގެ އެތަކެއް ގަރުނުތަކެއްގެ ކުރީން އުފެދިފައި."
ދިވެހީންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު ޒަމާންވީ ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި އަދި އެމްބަސީން ކުރާ މަސައްކަތަކީ މި ދެންނެވި ގުޅުމުގެ ކުޑަ މިންވަރެއްކަމަށް ވެސް މިޝްރާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އެހާ ބޮޑަށް ހާއްސަވާ ސަބަބަކީ "ދެގައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އުފެދިފައިވާ ބަދަހި ގުޅުމާއި މުއާމަލާތްތައް،" ކަމަށެވެ. އަދި މިފަދަ ގުޅުމެއް ދެމެހެއްޓުމަށް އާ ޚިޔާލުތައް އުފެއްދުން މުހިއްމު ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ގުޅުމެއްވެސް ބަދަހިކޮށް ދާއިމީގޮތެއްގައި ދެމި އޮންނާނީ، އެ ގުޅުން ކެނޑިނޭޅި ތާޒާކޮށް. ބާރުޖައްސައި އަދި ހަކަތަ ލިއްބައިދީގެން،" އެމްބެސެޑަރު ވިދާޅުވިއެވެ.
އެކުގައި އުޅުނު މީހެއްގެ މުހިއްމުކަމާއި އެމީހެއް ބޭނުންތެރިކަން ގިނަފަހަރަށް އިހްސާސްކުރެވެނީ އެމީހަކު ވަކިވެގެން ދިއުމުން ކަން ފާހަގަކުރައްވައި މިޝްރާ ވިދާޅުވީ "އިތުނާ މާޔޫސް ހޭ، ވޯ ޝަޚްސް ބިޗަޅްކަރް މުޖްސޭ، އިތުނީ ޝިއްދަތުސޭ، ތޯ މައިނޭ އުސޭ ޗާހާ ބިނާ ތާ.." އެވެ. އެހެންކަމުން، ގުޅުންތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށް އެންމެވެސް މަސައްކަރުމަކީ ކޮންމެހެންވެސް ކުރާން ޖެހޭ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންނާ ހިސާބުން އުފެދެމުން އައިސްފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި މިޝްރާ ވިދާޅުވީ، މި ދެގައުމުގެ ސަރުކާރުގެ މެދުގައި ކުރެވޭ ރަސްމީ މުއާމަލާތްތައްވެސް ފެށިގެން އަންނާން ވާނީ އެކަމުގައި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކަމަށެވެ.
"އަޅުގަނޑު މި ފާހަގަކުރާ ގުޅުން އުފެދިފައި ވަނީ، އިންވެސްޓަރުންނާއި، ވަޒީރުންނާއި އެޑްމިސްނިޓްރޭޓަރުންގެ މަސައްކަތަކުންނެއް ނޫން. އެކަމަކު އޭގެ އެތަކެއް ހާސް އަހަރު ކުރީން އެތައް ޖީލެއްގެ ބުރަ މަސައްކަތުން އުފެދިފައިވާ އަގުހުރި ގުޅުމެއް މިއީ،" މިޝްރާ ވިދާޅުވިއެވެ.
އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން މިންޖުވެ 1965 ވަނަ އަހަރުގެ ޖުލައި 26ގައި ރާއްޖެއަކީ ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާނުކުރުމާއެކު، ތިންވަނައަށް ރާއްޖެއާ ގުޅުން ބަދަހިކުރި ގައުމަކީ އިންޑިއާއެވެ. އޭގެ ކުރީން އިނގިރޭސިވިލާތާއި ސްރީ ލަންކާއިން ވަނީ ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން އެކުލަވައިލައިފައެވެ. އިންޑީއާގެ މިޝަނެއް މާލޭގައި ގާއިމުކުރީ 1972 ވަނަ އަހަރުއެވެ.
ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމުން އެކަން އެންމެ އުފަލާއެކު ބަލައިގަން އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭކަން ފާހަގަކުރައްވައި އެމްބެސެޑަރު ވިދާޅުވީ، ހަގީގީ މިނިވަންކަން ލިބިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ އެކަމުން އިންޑިއާ ނުހަނު އުފާކުރާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވާ ކޮންމެ ރަނގަޅު ކަމެއްގެ އަސަރު އިންޑިއާއަށް ސީދާގޮތެއްގައި ކުރާނޭ ކަމަށާއި އަދި ހަމަ އެފަދައިން އިންޑިއާއަށް ކުރިމަތިވާ އެފަދަ ކޮންމެ ކަމެއްގެ އަސަރު ސީދާގޮތެއްގައި ރާއްޖެއަށްވެސް ކުރާނޭ ކަމަށް މިޝްރާ ވިދާޅުވިެއެވެ.
"އަހަރެމެންގެ ސުލްހަމަސަލަސްކަމާއި، ތަރައްގީއާއި ރައްޔިތުންގެ ސިއްހަތާއި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން މިވަނީ ވަރަށް ފުންކޮށް ވަކި ނުކުރެވޭވަރަށް ގުޅި ލާމެހިފައި،" މިޝްރާ ވިދާޅުވިއެވެ.
އިންޑިއާއާ ރާއްޖެ އިތުރަށް ގުޅުވައި، އެ ގުޅުން ދެމެހެއްޓުމުގައި ދިވެހި މީޑިއާ ތަކާއި އިންޑިއާގެ މީޑިއާ ތަކަށް ވަރަށް ޚާއްސަ ދައުރެއް އަދާކުރެވޭނޭ ކަމަށާއި އެކަމުގައި މީޑިއާ ތަކުގެ އެއްބާރުލުން ދިނުމަށް މިޝްރާ އެދިލެއްވިއެވެ. އަދި ދެގައުމުގެ މީޑިއާތައް ގުޅުވައިދީ، ހަމަ އެހެންމެ ފަރުދުންގެ މެދުގައި ވެސް، ތާރީޚާއި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް މެދުވެރިއެއްގެ ދައުރު އިންޑިއަން އެމްބަސީން އަދާކުރާނޭ ކަމަށް އެމްބަސެޑަރު ވިދާޅުވިއެވެ.