09 Dec 2016, 09:58
ބޭންކް އޮފް މޯލްޑިވްސްގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކުރަމުން އަންނަ 31 މުވައްޒަފެއްގެ އަގު ވަޒަންކޮށް، އެވޯޑު ދީފިއެވެ.
ބީއެމްއެލްއިން ރޭ ވަނީ، އެ ބޭންކުގައި ދިގު މުއްދަތަށް ޚިދުމަތް ކޮށްދީ، އަދި ޚިދުމަތް ކޮށްދެމުން އަންނަ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފައެވެ.
އަދި، 15 އަހަރާއި، 20 އަހަރާއި، 25 އަހަރު އަދި 30 އަހަރު ވަންދެން ބޭންކަށް ޚިދުމަތް ކޮށްދީފައިވާ 31 މުވައްޒަފަކަށް ވަނީ އެވޯޑު ދީފައެވެ.
އެ ހަފްލާގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވަނީ، ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި މުވައްޒަފުންގެ ވަފާތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
"ތިޔައީ މި ބޭންކުގެ ދިރުން. ގިނަ އަހަރުތަކަކަށް ތިޔަ ދެއްވި އިޚުލާސްތެރި ޚިދުމަތަށް ޝުކުރު އަދާކުރަން. ތިޔަ މުވައްޒަފުންގެ ބުރަ މަސައްކަތާއި ވަފާތެރިކަމުގެ އަގު ވަޒަން ކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިފަދަ ގޮތަކަށް، އެ ބޭންކަށް ދިގު މުއްދަތަށް ޚިދުމަތް ކޮށްދޭ މުވައްޒަފުންގެ އަގު ވަޒަން ކުރަންފެށީ މިދިޔަ އަހަރުއެވެ.
ބީއެމްއެލްއިން ބުނީ، އެ ބޭންކުގައި ޚިދުމަތް ކުރާތާ 15، 20، 25 އަދި 30 އަހަރު ވެފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް "ލޯންގް ސާވިސް އެވޯޑްސް"ގެ ނަމުގައި ދޭ އެވޯޑު ދިނުމުގެ ހަރަކާތް، ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.