ޒިންމާތައް އަދާކުރުމުގައި ކ. މާފުށީ ކައުންސިލްގެ ރައީސްގެ އިހުމާލުވެފައިވާ ކަމަށް ބުނެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ މާފުށީ ކައުންސިލަށް ވައްދައިފި އެވެ.

މާފުށީ ކައުންސިލުގެ ރައީސް، ޑީއާރްޕީ އަށް ނިސްބަތްވާ މުހަންމަދު މުސްތޮފާ މިއަދު ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަ މި މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައި ވަނީ ވެސް ޑީއާރްޕީ އަށް ނިސްބަތްވާ ކައުންސިލްގެ މެންބަރު، އަބްދުﷲ މުފީދު ކަމަށާއި އަންނަ ބުދަ ދުވަހު އޮންނަ ކައުންސިލްގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާ ކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ލިބިފައިވާ އިހުތިޔާރުގެ ތެރެއިން އެކަން އެ ވަނީ އެޖެންޑާ ވެސް ކުރެވިފައި. މެންބަރުންނަށް ވެސް އެކަން މިހާރު ވާނީ އަންގާފައި. އަޅުގަނޑު މަސައްކަތް ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން،" މުސްތޮފާ ވިދާޅުވި އެވެ.

މުސްތޮފާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ތާއީދު ކުރައްވާ މާފުށީ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަސީމް މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ ޒިންމާ އުފުއްލެވުމުގައި ވަރަށް ބޮޑަށް އިހުމާލުވެ ވަޑައިގެންފައިވާ ކަމަށެވެ.

"އެއީ ނަގަން ޖެހޭ ވޯޓެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. ކައުންސިލުން އޮފީސްތަކަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ވެސް ނުފޮނުވި މި ހުންނަނީ. މިއީ ރައީސްގެ އިހުމާލެއް،" ޑީއާރްޕީއަށް ނިސްބަތްވާ ނަސީމް ވިދާޅުވި އެވެ.

ޑީއާރްޕީގެ އަގުލަބިއްޔަތު އޮންނަ ކައުންސިލުން މުސްތޮފާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ވެއްދުމުން އެކަމަށް ރައްދު ދެއްވާ އޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓެ ނެގުމަށް މަސައްކަތް ކުރަނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް އަމަލުކުރާތީ އެކަން ހަޖަމް ނުކުރެވިގެން އުޅޭ ކައުންސިލްގެ މެންބަރުންތަކެއް ކަމަށާއި އެއީ ޒާތީ ގޮތުން އޭނާއަށް ކުރިމަތިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު އޮންނާނީ އަބަދުވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ކަންތައްތައް ކޮށްފައި. ރަށުގެ ރައްޔިތުންގެ ލާބަޔަށް. އަޅުގަނޑު މިކަން ދެކޭނީ ޖަރީމާއެއްގެ ގޮތުގައި. އަޅުގަނޑަށް ހީވަނީ މުފީދަށް ނައިބު ރައީސް ކަން ނުލިބުނީމާ ކައުންސިލްގެ މަސައްކަތް ހުއްޓާލުމަށް އޭނާ ކުރާ ކަމެއްހެން މި ކަމަކީ،" މުސްތޮފާ ވިދާޅުވި އެވެ.
މާފުށީ ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ބުދަދުވަހު އެ ކައުންސިލުން ނަގާއިރު މި އަހަރުގެ ކުރީ ކޮޅު ވަނީ ލ.ފޮނަދޫ ރަށު ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފަ އެވެ.