ޕެސިފިކް ކަނޑުގައި އޮންނަ ސޮލޮމޮން ކަނޑަށް ބާރުގަދަ ބިންހެލުމެއް އައިސް އެ ސަރަހައްދުގެ ހަތަރު ގައުމަކަށް ސުނާމީގެ އިންޒާރު ދީފިއެވެ.

އެމެރިކާގެ ޖިއޮޖޮލިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި ޕަޕައު ނިއު ގިނީ އާއި ސޮލޮމޮން އައިލެންޑާ ދޭތެރޭ އޮންނަ ސޮލޮމޮން ކަނޑަށް އައިސްފައި ވަނީ 8.0 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ.

ބިންހެލުން އައިސްފައި ވަނީ ސޮލޮމޮން އައިލެންޑުގައި ހިމެނޭ ކީރާކީރާގެ ހުޅަނގު ދެކުނުން 63 މީޓަރު ދުރަށް އަދި 40 ކިލޯމީޓަރު އަޑިއަށް ކަމަށް ވެސް ޔޫއެސްޖީއެސް އިން ބުނެއެވެ.

ބިންހެލުމާއެކު އެ ސަރަހައްދުގައި އޮންނަ ސޮލޮމޮން އައިލެންޑަށާއި ވެނުއާޓޫ، ނައޫރޫ، ޕަޕައު ނިއު ގިނީ، ނިއު ކަލެޑޯނިއާގެ އިތުރުން ޓުވާލޫ އަދި ކޮސްރީ އަށް ވަނީ ސުނާމީ އެއް އަރާފާނެކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ދީފައިވާ ކަމަށް ރޮއެޓާސް އިން ބުނެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ސަރަހައްދަށް ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ނުރައްކާތެރި ބޮޑެތި ރާޅުތަކާއެކު ސުނާމީ އަރާނެ ކަމުގެ އިންޒާރެއް ވެސް އެ ސެންޓަރުން ވަނީ ދީފަ އެވެ.

ރާއްޖޭގައި ހުންނަ މޫސުމާބެހޭ މައި އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ، ބިންހެލުން އައިސްފައިވަނީ މިއަދު ރާއްޖެ ގަޑިން 22:38 ހާއިރު ކަމަށެވެ. އެކަމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަކަށް ނެތް ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.