08 Dec 2016, 22:57
ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ލަންދޫ އެފްސީ އާއި މަގޫދޫ އެފްޓީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ލަނދުއާއި މަގޫދޫ ކުޅުނު 'ގްރޫޕް އޭ'ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މިއަދު ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ލަންދުއާއި މަގޫދޫން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަގޫދޫގެ މުހައްމަދު ނަދީމް އެވެ.
އެ މުބާރާތުގެ 'ގްރޫޕް އޭ'ގެ އެންމެ ކުރީގައި އޮތް ކުޑަފަރީ އެފްސީ އާއި އެފްސީ މާފަރަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. މަގޫދުއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ލަންދު އަށް ތިން މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، ވެލިދުއަށް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި މަގޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން ---
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ސީ'ގެ މެޗުގައި ބައްދަލުކުރާނީ ކެނދިކުޅުދޫ އެފްސީ އާއި މާޅެންދޫ އެފްޓީ އެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.