ވޯލްޑް ޓްރެވަލް އެވޯޑްސްގައި، އިންޑިއާ ކަނޑުގައި އޮޕަރޭޓުކުރާ، ދުނިޔޭގެ ލީޑިންގް އެއާލައިނުގެ ޝަރަފު ސްރީލަންކަން އެއާލައިންސްއަށް ލިބިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ސަން ސިޔާމް އިރުފުށި ރިސޯޓުގައި ބޭއްވި 23 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ އެވޯޑު ހަފްލާގައި، ސްރީލަންކަންއަށް ލިބިފައި ވަނީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް އޮޕަރޭޓުކުރާ ދުނިޔޭގެ ލީޑިންގް އެއާލައިނުގެ ޝަރަފެވެ.

ސްރީލަންކަންއިން ބުނީ، ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކާ އެއް ސަފެއްގައި ވޯލްޑް ޓްރެވަލް އެވޯޑްސްގައި މިފަދަ އެވޯޑެއް އުފުލާލަން ލިބުމަކީ އެ އެއާލައިނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިންގް އެއާލައިނުގެ މަގާމު ލިބުނީ އެތިހާދު އެއާވޭސްއަށެވެ. އަދި ދުނިޔޭގެ ލީޑިންގް އެއާޕޯޓުގެ މަގާމު ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް ލިބުނު އިރު، ދުނިޔޭގެ ލީޑިންގް ބިޒްނަސް ޓްރެވަލް އޭޖެންސީގެ މަގާމު ލިބުނީ އެމެރިކަން އެކްސްޕްރެސްއަށެވެ.

ސްރީލަންކަން އެއާލައިންސްއަށް މިއަހަރަކީ ނިސްބަތުން ކާމިޔާބު އަހަރެކެވެ. ރާއްޖޭގައި ދޭ، ފަތުރުވެރިކަމާ ބެހޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި، ރާއްޖެއަށް އޮޕަރޭޓުކުރާ އެއާލައިންސްއަށް ލިބުނު އިރު، ސިންގަޕޫރުގައި މިއަހަރު ބޭއްވި ފިއުޗާ ޓްރެވަލް އެކްސްޕީރިއެންސް އޭޝިއާ އެވޯޑްސްގައި، މެދުތެރޭ އަދި ދެކުނު އޭޝިއާގެ ބެސްޓް ފުލް ސާވިސް އެއާލައިންގެ މަގާމު، ޖެހިޖެހިގެން ދެވަނަ އަހަރު ސްރީލަންކަންއަށް ލިބުނެވެ.

ސްރީލަންކަންއަކީ އިންޑިއާ ކަނޑުގެ ގިނަ މަންޒިލުތަކަށް ދަތުރުކުރާ އެއާލައިނެކެވެ. އެ އެއާލައިނުން މާލެއާ ކޮލޮމްބޯއާ ދެމެދު ހަފްތާއަކު 25 ދަތުރު ކުރާ އިރު، ދާދި ފަހުން އައްޑޫ ސިޓީގެ ކޮލޮމްބޯއާ ދެމެދު ހަފްތާއަކު ހަތަރު ދަތުރު ކުރަންވެސް ވަނީ ފަށައިފައެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމު، ސީޝެލްސްގެ މާހޭއަށް ވެސް ސްރީލަންކަންއިން ހަފްތާއަކު ހަތަރު ދަތުރުު ކުރެއެވެ.

ސްރީލަންކަން އެއާލައިންސްއިން މަސައްކަތް ކުރަމުން ދަނީ އޭޝިއާގެ ވަރުގަދަ ބްރޭންޑަކަށް ވުމަށެވެ. އެގޮތުން، ވިލާތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސި ވިލާތް ފިޔަވާ އެހެން ހުރިހާ މަންޒިލަކަށް ސްރީލަންކަންއިން ދަތުރުކުރުން ހުއްޓާލާފައިވާ އިރު، މި އަހަރުގެ ތެރޭގައި އެކަނިވެސް، އޭޝިއާއާ މެދު އިރުމަތީގެ ގައުމުތައް ހިމެނޭ ގޮތުން 11 މަންޒިލަކަށް ސްރީލަންކަންއިން ވަނީ އޮޕަރޭޝަންތައް ފަށައިފަ އެވެ.

އާ މަންޒިލުތަކަކީ ސީޝެލްސްގެ މާހޭ، ބަހްރައިން، އޮމާންގެ މަސްކަޓް، އިންޑޮނޭޝިއާގެ ޖަކާޓާ، ބަންގްލަދޭޝްގެ ދާކާ، ޕާކިސްތާނުގެ ލާހޫރު، އިންޑިއާގެ ބޯދު ގަޔާ، ވަރަނާސީ، މަޑޫރާއި އަދި ކޯލްކަޓާގެ އަދި ރާއްޖޭގެ އައްޑޫ ސިޓީއެވެ.