ބައިނަލްއަގުވާމީ މައްސަލަތަކާ ކުރިމަތިލާން ސާކުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ސާކަށް 31 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވެވި މެސެޖުގައި ވަނީ ބައިނަލްއަޤްވާމީ މައްސަލަތަކަކީ ހަމައެކަނި ވަކި ޤައުމަކަށް ނުވަތަ ވަކި ސަރަހައްދަކަށް ދިމާވާނެ މައްސަލަތަކެއް ނޫން ކަމަށާއި މިފަދަ މައްސަލަތަކާ ކުރިމަތިލުމަށް މި ސަރަހައްދުގެ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ސާކުގެ ގައުމުތަކަށް ކުރިމަތިވަމުންދާ މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާ ތަކުން ސަލާމަތްވުމަށް ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމު ކަމަށާއި ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ހުރިހާ ގައުމެއްގެ ވެރިންވެސް ހަރުދަނާކަމާއެކު މަސައްކަތްކުރުމުގެ މުހިއްމު ކަމަށް ރައީސް އަލިއަޅުވާލެއްވި އެވެ.

ޓެރަރިޒަމްގެ ސަބަބުން ގައުމުތަކުގެ މެދުގައި އޮތް ގުޅުން ހީނަރުވުމަށް ފުރުސަތު ނުދީ ޓެރަރިޒަމް ނައްތާލުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައިވާ ގޮތުން ފާއިތުވި 32 އަހަރު ތެރޭގައި ސާކުގެ ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތަކާއި ތަރައްގީ ދެމެހެއްޓޭނީ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ހޯދި ކާމިޔާބީތައް ވިލަރެސް ކޮށްގެންނެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ސާކުގެ ގައުމުތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން މިސަރަހައްދުގެ ގައުމުތަކުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އަވަށްޓެރި ޤައުމުތަކާއެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރަން އިސްކަންދިނުމަށް ގޮވާލައްވާފަ އެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ ސާކުގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި، އެގައުމުތައް އިގުތިސާދީ ގޮތުން ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަމުގައި ދިވެހިރާއްޖޭގެ ފަރާތުން ކެނޑިނޭޅި އެއްބާރުލުން ދޭނެ ކަމަށާއި، ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް ސާކުގެ މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހުރިހާ ގައުމަކުން ވެސް އިސްކަން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.