މޮރިޝަސްގެ ސަން ރިސޯޓްސް ހޮޓެލް ގްރޫޕުން ޅ. ކަނުހުރާގައި ހިންގާ ކަނުހުރާ މޯލްޑިވްސް ރިސޯޓުގެ މަރާމާތުތައް ނިންމާލައިފި އެވެ.

ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކަނުހުރާ މޯލްޑިވްސް ރިސޯޓުން މެދުނުކެނޑި 15 އަހަރު ދުވަހު ޚިދުމަތް ދެމުން އައިސް، އެ ރިސޯޓުގެ ބައެއް މަރާމާތުތައް ކުރުމަށް ބަންދު ކުރީ 2015ގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އެ ރިސޯޓުގައި ކުރަންޖެހޭ މަރާމާތްތައް މުޅިން ނިމިފައިވާ އިރު، މަރާމާތަށް ފަހު އެ ރިސޯޓަށް ޒިޔާރަތް ކުރާ ފުރަތަމަ ފަތުރުވެރިން، މި މަހުގެ 19 ވަނަ ދުވަހު އަންނާނެ ކަމަށް ކަނުހުރާއިން މައުލޫމާތުދެ އެވެ.

"މަރާމާތުތަކުގެ 99 ޕަސަންޓު މިހާރު ނިމިފައި މި އޮތީ. ހުރިހާ ކަމެއް ހަމަ ފުލް އޮޕަރޭޝަނަލް ހާލަތުގައި. މި މަހުގެ 19 އިން ފެށިގެން ގެސްޓުން އަންނަން ފަށާނެ،" ކަނުހުރާގެ ލޯކަލް އެފެއާޒް މެނޭޖަރ މުހައްމަދު ރިޒާ "ސަން"އަށް ވިދާޅުވި އެވެ.

މި ރިސޯޓުގައި 94 ވިލާ އާއި ސުއިޓްސް ހުންނަ އިރު، ސްޕާއަކާއި ވެލްނެސް ސެންޓަރެއްގެ އިތުރުން ބެރިން ބަޔޮލޮޖީ ރިސާޗް ސެންޓަރެއް ވެސް ހުރެއެވެ.

މީގެ އިތުރުން ކަނުހުރާއާ ޖެހިގެން އޮންނަ ފަޅުރަށެއް ކަމުގައިވާ ޖެހުނުހުރާއަށް ޕިކްނިކްއަށް ދިއުމުގެ ފުރުސަތު ވެސް، ރިސޯޓުގެ ފަރާތުން ފަތުރުވެރިންނަށް ހަމަޖައްސޭނެއެވެ.

ދުނިޔޭގެ އުތުރަށް ފިނި މޫސުން އައުމާ އެކު، މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގް ޕީކް ސީޒަންއެވެ. އެގޮތުން، ގިނަ އަދަދެއްގެ ފަތުރުވެރިން، ވިލާތާއި ދުނިޔޭގެ އުތުރުގެ ގައުމުތަކުން ރާއްޖެއަށް ވަނީ އަންނަން ފަށައިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އާ އަހަރާ ދިމާކޮށް، މި މަހުގެ ފަހުކޮޅު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެ އެވެ.