އުރީދޫ މޯލްޑިވްސްއިން ނޭޝަންވައިޑް އަންޑާސީ ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައި، އެ ކޭބަލް ސ. ހިތަދޫގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާއި މިއަދު ގުޅާލައިފި އެވެ.

އެ މަސައްކަތް ފަށައިފާ ވަނީ އުރީދޫއަށް ރާއްޖޭގައި އިންޓަނެޓްގެ ޙިދުމަތް ދިނުމުގެ ލައިސެންސް ލިބުމާ އެކު، ވީހާ އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް އެއް ފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. ހުއާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީގެ ބާރުގައި، ނޭޝަންވައިޑް އަންޑާސީ ކޭބަލް މެދުވެރިކޮށް އުރީދޫގެ ޙިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ފޯރުކޮށްދެވޭނެ އެވެ.

ޖުމްލަ 25 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ އަމާޒަކީ ރާއްޖޭގެ ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުން ކަމަށާއި އޭގެ ތެރޭގައި ޓެލެމެޑިސިން، ޓެލެވަކިންގް، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަންމަންޓްގެ ޙިދުމަތްތަށް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ނޭޝަންވައިޑް އަންޑާސީ ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގައި ނިމޭނެ އެވެ.

އަންޑާ ސީ ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައި، ސ. ހިތަދޫގައި ގާއިމް ކުރި ލޭންޑިން ސްޓޭޝަނާ ގުޅާލާފައިވާއިރު، ގދ. ތިނަދޫ، ކ.ހުޅުމާލެ، މ.ކޮޅުފުށި، ބ.އޭދަފުށި، އަދި ހދ. ކުޅުދުއްފުށީގައި ކޭބަލް ލޭންޑިންގް ސްޓޭޝަންތަށް ވަނީ ގާއިމްކޮށްފަ އެވެ. މި ސްޓޭޝަންތަކާ ކޭބަލް ގުޅާލާނެ އެވެ.

ްއެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ވާވޭ ޓެކްނޮލޮޖީސް އިންނެވެ. އެ ކުންފުންޏަށް އެހީތެރިވެދިނުމަށްމެދު އިރުމަތީގައި ސަބްމެރިން ކޭބަލް ސޮލިއުޝަންސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އީމެރީންއިން ވަނީ ނިންމާފަ އެވެ.