08 Dec 2016, 17:32
ޕާކިސްތާނުގެ ކަރާޗީ އިން ކެޑޭޓްޝިޕް ޓްރެއިނިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމުގެ ދެ ސްކޮލާޝިޕެއް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފި އެވެ.
ޕާކިސްތާން މެރައިން އެކަޑަމީގައި އެސޯސިއޭޓް ޑިގްރީއެއް ހެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޯޓިކަލް އަދި މެރައިން އިންޖިނިއަރިންގެ ދާއިރާއިންނެވެ. ދެ އަހަރު ދުވަހުގެ އެ ދެ ކޯހަށް ވެސް ދީފައި ވަނީ ކޮންމެ ދާއިރާއަކުން އެންމެ ފުރުސަތެކެވެ.
ޑީއެޗްއީން ބުނީ، އެ ދެ ކޯހަކީވެސް އަންނަ އަހަރުގެ ޖަނަވަރީ މަހު ކިޔެވުން ފަށާ ދެ ކޯސް ކަމަށެވެ. އަދި ދެ ކޯހަށް ދީފައިވާ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންގެ ކޯސް ފީ އާއި ހުރުމާއި އަދި ކެއުން ޕާކިސްތާނުގެ ސަރުކާރުން ހަމަޖައްސައިދިން ނަމަވެސް، އެ ނޫން ހަރަދުތައް ކުރަން ޖެހޭނީ ދަރިވަރު އަމިއްލައަށް ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން އެ ސްކޮލާޝިޕްގެ ދަށުން މަތީ ތައުލީމް ހާސިލު ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު ރާއްޖެއަށް ހިދުމަށް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް ވެސް ޑީއެޗްއީ އިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ޑީއެޗްއީން އިއުލާން ކުރި އެ ސްކޮލަޝިޕް ފުރުސަތުތަކަށް ފުރިހަމަވާން ޖެހޭ ތައުލީމީ ޝަރުތުތަކުގެ އިތުރުން އެ ދަރިވަރަކީ އިއުލާން ކޮށްފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ވެސް ވެގެން ނުވާނެ އެވެ.
އެ ދެ ސްކޮލާޝިޕް ފުރުސަތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ މެންދުރުފަހު 1:30 އެވެ.