އދ. އަތޮޅާއި ލ. އަތޮޅާ ދެމެދު އަޅާފައިވާ ސަބްމެރިން ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް މި މަހުގެ 10 ވަނަ ދުވަހު ފަށާނެ ކަމަށާއި އެމަސައްކަތުގެ ސަބަބުން ދިރާގުގެ ޚިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމަސައްކަތް ކުރިއަށްދާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ދެކުނުގެ ހަ އަތޮޅަކަށް ނެޓްވޯކް މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ގެންދާނީ އެފަދަ މައްސަލައެއް ދިމާނުވާނެ ފަދަ ގޮތަކަށް ކަމަށާއި، އެފަދަ މައްސަލައެއް ދިމާވުން އެކަށީގެންވާތީ އެކަމަށް މައާފަށް އެދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ލ. އަތޮޅާއި އދ. އަތޮޅާ ދެމެދުގެ ސަބްމެރިން ކޭބަލް މަރާމާތު ކުރުމަށްޓަކައި، "އެސިއަން ރޯސްޓާ" ބޯޓު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. ސަބްމެރިން ކޭބަލް މަރާމާތު ކުރުމަށް މި ބޯޓު ލ. އަތޮޅަށް ދަތުރު ކުރާނެ އެވެ.

މަސައްކަތުގެ ސަބަބުން ޚިދުމަތް ޑީގްރޭޑް ކުރެވޭ އަތޮޅުތައް:

  • ތ. އަތޮޅު

  • ލ. އަތޮޅު
  • ގއ. އަތޮޅު
  • ގދ. އަތޮޅު
  • ފުވައްމުލައް ސިޓީ
  • ސ. އަތޮޅު

މިފަދަ މަސައްކަތެއް ކުރަން ދިރާގުން ތައްޔާރުވެފައިވާއިރު، އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް 4ޖީގެ ޚިދުމަތް ދިނުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.