އޭޝިއާގެ އެންމެ ބޮޑު މާޝަލް އާޓްސް ބްރޭންޑް ކަމަށްވާ އިވޯލްވް ކުންފުނީގެ ބޮސް، އެކުންފުނީގެ މުވައްޒަފުން ގޮވައިގެން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ހަތަރު ލައްކަ ޑޮލަރު (7.6 މިލިއަން ރުފިޔާ) ޚަރަދުކޮށްފިއެވެ.

ސިންގަޕޫރުގެ މާޝަލް އާޓްސް ކުންފުންޏެއް ކަމަށްވާ އިވޯލްވްގެ ވެރިޔާ ޗަތުރީ، އެކުންފުނީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގޮވައިގެން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވަނީ ރާއްޖޭގެ ފަސް ތަރީގެ ރިސޯޓަކަށެވެ. އެމީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ސާފު ނުވި ނަމަވެސް އެ ދަތުރުގައި ބައިވެރިވާ 100 މުވައްޒަފުން ޗުއްޓީ ހޭދަ ކުރުމަށް ޗަތުރީ ވަނީ 392000 ޕައުންޑު ޚަރަދު ކޮށްފައެވެ. އެއީ ޑޮލަރުން ބަލާއިރު 495،580 ޑޮލަރެވެ.

އިވޯލްވް ކުންފުނީގައި މަސައްކަތް ކުރަނީ 100 މުވައްޒަފުންނެވެ. މި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޗަތުރީ ވަނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް އިންޑޮނީޝިއާގެ ސަރަހައްދުތައް ކަމަށްވާ ބާލީ، ކްރާބީ، ކާއޯ ލަކް އަދި ބިންޓަން އަށް އެ މުވައްޒަފުން ގޮވައިގެން ޗުއްޓީ ހޭދަކުރުމަށް ގޮސްފައެވެ.

އަންނަ އަހަރުވެސް މިފަދަ "ސަޕްރައިޒް" ދަތުރެއްގައި މުއައްޒަފުން ގޮވައިގެން ވަޑައިގަތުމަށް ޗަތުރީ ވަނީ ނިންމަވާފައެވެ. ނަމަވެސް ދާ ތަން އޮންނާނީ އެންމެ ފަހު ވަގުތާ ޖެހެންދެން ސިއްރެއްގެ ގޮތުގައެވެ. ޗަތުރީ މިގޮތަށް ކަންތައް ކުރައްވަނީ މުވައްޒަފުންނަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ.