ވޮޝިންޓަން (ޑިސެމްބަރު 8): އެމެރިކާގެ މިޝިގަންގައި ރިޔާސީ އިންތިހާބުގެ ވޯޓު އަލުން ގުނުން ހުއްޓާލުމަށް ފެޑެރަލް ކޯޓަކުން އަމުރުކޮށްފި އެވެ.

މިޝިގަންގައި ވޯޓު އަލުން ގުނަން އެންގެވި ފަނޑިޔާރު މާކް ގޯލްޑްސްމިތް އެމަސައްކަތް ހުއްޓާލަން އެންގެވީ އެސްޓޭޓުގެ އެޕީލް ކޯޓަކުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.

މިޝިގަންގައި ވޯޓު އަލުން ގުނި ނަމަވެސް އެސްޓޭޓުގެ ވޯޓުން ހަތަރު ވަނަ އަށް ދިޔަ ޖިލް ސްޓެއިން އަށް ވޯޓު ކާމިޔާބު ކުރުމުގެ ފުރުސަތެއް ނެތް ކަމުން ވޯޓު އަލުން ގުނުމަށް އެދުމުގެ ހައިސިއްޔަތެއް ސްޓެއިން އަށް ލިބިގެންނުވާ ކަމަށް ބުނެ ރިޕަބްލިކަން ޕާޓީން މިޝިގަންގެ އެޕީލް ކޯޓަށް ހުށަހެޅި މައްސަލައަކަށް އެކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.

އެހެންކަމުން އެނިންމުމާ އެއްގޮތަށް މިޝިގަންގެ ވޯޓު އަލުން ގުނުން ހުއްޓާލަން ޖެހޭ ކަމަށް ފަނޑިޔާރު ގޯލްޑްސްމިތް ވިދާޅުވި އެވެ.

ވޯޓު އޮޅުވާލި ކަމަށް ސްޓެއިން ވިދާޅުވި ތިން ސްޓޭޓުން ވެސް އޭނާއަށް ލިބުނީ އެއް ޕަސެންޓު ވޯޓެވެ. އަދި އެތިން ސްޓޭޓު ވެސް ވަރަށް ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ.

ޕެންސިލްވޭނިއާގެ ވޯޓު އަލުން ގުނުމާ ބެހޭ ގޮތުން މާދަމާ ކޯޓު އަޑުއެހުމެއް އޮންނަ އިރު ވިސްކޮންސިންގައި މިހާތަނަށް ގުނާފައިވާ ވޯޓުން ޓްރަމްޕަށް ލިބުނު ވޯޓުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ވާނީ ތިން ސްޓޭޓުގެ ނަތީޖާވެސް ހިލަރީ ކްލިންޓަންއާ އެއްކޮޅަށް ބަދަލުވެއްޖެ ނަމަ އެވެ. (ގާޑިއަން)