08 Dec 2016, 17:40
އޯޕަން ޔުނިވާސިޓީ ސްރީލަންކާ (އޯޔޫއެސްއެލް)ގެ ކުރު ކޯސްތަކެއްމައި ކޮލެޖްގައި ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
މައި ކޮލެޖުން ބުނީ އަންނަ އަހަރު މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އަމާޒު ކޮށްފައިވާނީ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްސްގައި މިހާރުވެސް އުޅޭ ބޭފުޅުންނަށް ކަމަށެވެ.
ތިން މަސްދުވަހުގެ ކުރު އެ ކޯސްތަކަށް ވަނުމަށް ޖެނުއަރީމަހު ފުރުސަތު ހުޅުވާލާއިރު، ފަސް ކޯހެއް ފެށުމަށް ހަމަޖެހިފައިވެ އެވެ. އެކޯސްތަކަކީ:
ސްޕެޝަލް އެޑިއުކޭޝަން
- ރިސާޗް މެތޮޑްސް އިން އެޑިއުކޭޝަން
- މާކެޓިން
- އެކައުންޓިން
- ހިއުމަން ރިސޯސް މެނޭޖްމެންޓް
މައި ކޮލެޖުގެ 17 ކެމްޕަހެއް މާލެ އާއި އަތޮޅުތެރޭގައި މިހާރު ހުންނަ އިރު، އަންނަ އަހަރުގެ ޖެނުއަރީގައި ހއ. އިހަވަންދޫގައިވެސް ކެމްޕަހެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް މައި ކޮލެޖުގެ ރެކްޓާ ޑރ. އާމާލް އަލީ ވިދާޅުވި އެވެ.
އާމާލް ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހުގައި ފަށާ 25 ކޯހަކަށް ވަނުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ.
މައި ކޮލެޖުގެ މިއަހަރުގެ ދެވަނަ ގްރެޖުއޭޝަން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާފައިވާއިރު، މައި ކޮލެޖްގެ 12 ބްރާންޗުން 476 ދަރިވަރުން 13 ކޯހަކުން ވަނީ ގްރެޖުއޭޓްވެފަ އެވެ. އަދި 14 ދަރިވަރަކު ވަނީ ކޯހުން އެއްވަނަ ހޯދައި އެވޯޑު ހާސިލްކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވަނީ މައިކޮލެޖުގައި އޯޕަން ޔުނިވާސިޓީގެ ކޯސްތައް ފެށުމަށް އެ ޔުނިވާސިޓީއާ އެކު އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.
އޯޕަން ޔުުނިވާސިޓީ ސްރީލަންކާގެ ކޯސްތައް މައިކޮލެޖުގައި ފެށުމަށް އެ ޔުނިވާސިޓީއާ އެކު އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ މައި ކޮލެޖް
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އޯޕަން ޔުނިވާސިޓީ ސްރީލަންކާގެ ވައިސް ޗާންޗެލާ ޕްރޮފެސަރު އެސް އޭ އަރްޔަދުރައި އެވެ. އަދި އޭގެ އިތުރުން އެ ޔުނިވާސިޓީގެ ރަޖިސްޓްރާ ވިންދްޔާ ޖަޔަސޭނާ އާއި ޑައިރެކްޓަރު ފޯ އިންޓަނޭޝަނަލް ރިލޭޝަން ޔުނިޓް ޕްރޮފެސަރު ޖޭސީއެން ރާޖެންދްރަން އެ ރަސްމިއްޔާތުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވެ.