08 Dec 2016, 08:37
ޕާކިސްތާނުގެ ޗިތްރަލް އިން އިސްލާމްއާބާދަށް ދަތުރު ކުރަމުންދަނިކޮށް ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ޕީއައިއޭއިން ބުނާގޮތުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ 70 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދަކަށް ވެއްޓުނު ޕީކޭ 661 ފްލައިޓުގައި 42 ފަސިންޖަރުންނާއެކު ފަސް ކުރޫ މެމްބަރުންނާއި ގްރައުންޑް އިންޖިނިއަރަކު ތިއްބެވެ.
މަރުވި މީހުންގެ ތެރޭގައި ޕޮޕް ލަވަކިޔުންތެރިއަކުން އިސްލާމްދީން ގަބޫލުކޮށް ދީނީ އިލްމުވެރިއަކަށް ބަދަލުވި ޖުނެއިދު ޖަމްޝީދާއި އޭނާގެ އަންހެނުންވެސް ހިމެނޭ ކަމަށް ރިޕޯޓްތައްބުނެއެވެ.
އެ ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްނުވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވިއިރު، އެކަން ޕީއައިއޭގެ ތަރުޖަމާނަކުވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ޕީއައިއޭގެ ޗެއާމަން އައްޒާމް ސެހްގާލް ވިދާޅުވީ، ފްލައިޓް ވެއްޓުމުގެ ކުރިން ފްލައިޓްގެ ކެޕްޓަން، އިންޖީނުގެ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނި ކަމަށެވެ. އަދި އިރުކޮޅެއް ފަހުން "މޭޑޭ ކޯލް" އެއް ކުރުމަށްފަހު ރާޑަރުން ފްލައިޓް ގެއްލުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ސެހްގާލް ވިދާޅުވީ، ވެއްޓުނު ފްލައިޓަކީ ދަތުރުކުރުމަށް ފިޓް ފްލައިޓެއް ނަމަވެސް ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.
ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވެސް ވަނީ އެކަމާ ނުހަނު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވެއްޓުނު ސަރަހައްދުން ފެންނަ ހަށިތައް އެމްބިއުލާންސަށް އަރުވަން ހަކާތްތެރިވަމުންދިޔަ ރެސްކިއު އޮފިސަރު އަލްތަފް ހުސެއިން ބުނީ، ބޯޓު ވެއްޓުނު ސަރަހައްދުން ދުވަނީ މިނިމަސް އަނދާ ވަހާއި ތެލުގެ ވަސް ކަމަށާއި ފްލައިޓުން ދަތުރުކުރި މީހުންގެ ބައިތައް އެކި ދިމަދިމާލަށް ބުރައިގެން ގޮސްފައިވާ ކަމަށެވެ.
ދެހާސް ހަ ވަނަ އަހަރު ޕީއައިއޭގެ ފްލައިޓެއް ވެއްޓުމާ ގުޅިގެން 44 މީހަކު މަރުވި އެވެ. އެހާދިސާއާ ގުޅިގެން ޖެހިގެން އައި އަހަރު ސަލާމަތީ ސަބަބުތަކަށްޓަކައި ޔޫރަޕިއަން ޔޫނިއަނުން އެ އެއާލައިންގެ ފްލައިޓުތައް ޔޫރަޕަށް ދަތުރު ކުރުން މަނާ ކުރި އެވެ.