08 Dec 2016, 08:55
ސިޔާމް-މައުރޫފް ސޮކާ ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު އެފްސީ މާފަރުން ކުޑަފަރީ އެފްސީ ބަލިކޮށްފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ކުޑަފަރީގެ މައްޗަށް މާފަރު ކުރި ހޯދާފައި ވަނީ 2-1 ލަނޑުންނެވެ.
އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ކުޑަފަރީންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ކުޑަފަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖާބިރު ހަސަން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާފަރުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު މާފަރަށް ކާމިޔާބުކޮށްދިނީ އަފްރާހް މުހައްމަދެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ކުޑަފަރީ އާއި މާފަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާފަރު މޮޅުވީ 2-1 ލަނޑުން ---
މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ދެ ވަނަ ހާފު އިތުރު ވަގުތުކޮޅު ތެރޭގައި މާފަރަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޖުމައިލް އީސާ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާފަރުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަފްރާހު މުހައްމަދެވެ.
އެ މުބާރާތުގެ 'ގްރޫޕް އޭ'ގެ އެންމެ ކުރީގައި އޮތް ކުޑަފަރީ އާއި މާފަރަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. މަގޫދުއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ލަންދުއާއި ވެލިދުއަށް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ކުޑަފަރީ އާއި މާފަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާފަރު މޮޅުވީ 2-1 ލަނޑުން ---
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި މިއަދު ހަވީރު ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ މަގޫދުއާއި ލަންދޫއެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.