08 Dec 2016, 09:04
ޗައިނާގެ ކުންފުންޏަށް އިޓަލީ ކްލަބު އޭސީ މިލާން ވިއްކުން އަންނަ އަހަރު މާޗް މަހަށް ފަސްކޮށްފި އެވެ.
މިލާން ވިއްކާލުން މާޗް މަހަށް ފަސްކުރިކަން އިއުލާންކޮށްފައި ވަނީ މިލާންގެ ވެރިޔާ އަދި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީގެ ފިންއިންވެސްޓާއި ޗައިނީސް އިންވެސްޓާސް ސިނޯ ޔޫރަޕް ސްޕޯޓްސް (އެސްއީއެސް) އިން ގުޅިގެން ނެރުނު ބަޔާނަކުންނެވެ.
މި މަހުގެ މެދުތެރޭގައި މިލާން ވިއްކާލުމަށް ކުރިން ނިންމި ނަމަވެސް، އެކަން ފަސްކުރީ އެ ކްލަބު ގަތުމުގެ ހުއްދަ ޗައިނާގެ ސަރުކާރުން އެސްއީއެސްއަށް ދިނުން ލަސްވުމުން ކަމަށް ހަބަރުތައް ބުނެ އެވެ.
މިލާން ގަތުން ފަސްކުރުމާ ގުޅިގެން އެސްއީއެސް އިން ވަނީ ކުރިން ބަރްލަސްކޯނީގެ ފިންއިންވެސްޓަށް ދީފައިވާ 100 މިލިއަން ޔޫރޯގެ އިތުރުން ވެސް 100 މިލިއަން ޔޫރޯ ދިނުމަށް އެއްބަސްވެފައެވެ.
"އޭސީ މިލާން ވިއްކުން މާޗް 3، 2017 އަށް ފަސްކުރަން ފިންއިވެސްޓް އަދި ސިނޯ ޔޫރަޕް ސްޕޯޓްސްއާ ދެމެދު ވަނީ އެއްބަސްވުމަކަށް އާދެވިފައި. ސިނޯ ޔޫރަޕް ސްޕޯޓްސް އިން މިލާން ގަތުމަށް ފިންއިންވެސްޓަށް ދީފައިވާ 100 މިލިއަން ޔޫރޯގެ އިތުރުން 100 މިލިއަން ޕައުންޑް ދިނުމަށް ވަނީ އެއްބަސްވެފައި. ސިނޯ ޔޫރަޕް ސްޕޯޓްސް އިން އިތުރު 100 މިލިއަން ދޭނީ ފިންއިންވެސްޓުން ކްލަބު ވިއްކާލާ ތަނުން،" ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާގައި މިލާނަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް، މި ސީޒަނުގެ މިހާތަނަށް އެ ކްލަބުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރިފައެވެ. މި ވަގުތު އެ ޓީމު އޮތީ ޔުވެންޓަސްގެ ފަހަތުން ސެރީއާގެ ދެ ވަނައިގައެވެ. ޔުވެންޓަސް އާއި މިލާނާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.