ގދ. ތިނަދޫގެ ގޭގެއަށް ގޭސް ވިއްކުމާ ހަވާލުވެފައިވާ އަޕަ ސައުތު ޔުޓިލިޓީސް ކުންފުނީގެ ގޭސް ފިހާރައިން ގޭސް ހުސްވެ، އެ ރަށުގެ ބައެއް ގެތަކުގައި ދަރު އުނދުނުން ބޭނުން ކުރަން ފަށައިފި އެވެ. ތިނަދޫގެ ބައެއް ގޭގޭގައި ދަރު އުނދުން ބޭނުން ކުރާތާ 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ތިނަދޫ ރަށު ކައުންސިލުން މިއަދު ވަނީ ބުނެފަ އެވެ.

ތިނަދޫ ގޭސް ފިހާރައިން ހުސްވީ އާއްމުކޮށް މީހުން ބޭނުންކުރާ މެދު ސައިޒާއި ކުދި ސައިޒުގެ ގޭސް ފުޅި އެވެ.

ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ ގޭސް ވިއްކަން ޔުޓިލިޓީސް ކުންފުނިން ހުޅުވި ފިހާރައިން ކުދި ގޭސްފުޅިއާއި މެދު ސައިޒްގެ ގޭސް ފުޅި ހުސްވެފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ޑިޕޮޒިޓް ބަހައްޓާފައި ބޮޑެތި ގޭސް ފުޅި ގެންދަން ރައްޔިތުންނަށް ދަތިވެފައިވާ ކަމަށާއި ރަށުގެ ގޭގޭގައި ދަރު އުނދުނުގައި ކައްކަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބަހުރި ކަމަށް ވަނީ ބޮޑެތި ގޭސްފުޅި. އެހެން ނަމަވެސް ބޮޑުފުޅި ގެންދަންޏާ އެބަ ޖެހޭ ޑިޕޮޒިޓް ބަހައްޓަން، އެއީ ގިނަ ރައްޔިތުންނަށް ދަތިކަމެއް،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހަފްތާގައި ގޭސްފުޅި ލިބޭނެކަމަށް ޔޫޓިލިޓީސް ކުންފުނިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ގޭސް ހިފައިގެން ތިނަދުއަށް ދަތުރުކުރާ ބޯޓް ރޭވެސް މާލޭން ނުފުރާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިނަދޫން ވާހަކަދެއްކި އަހުމަދު ހަސަން ބުނީ ރަށުގެ ގޭގޭގައި އާންމުކޮށް ބޭނުންކުރާ ސައިޒްގެ ގޭސްފުޅި ނުލިބޭތީ ގޭގޭގައި ކައްކާ ކައިބޮއެ އުޅުމަށް ދަތިވެފައިވާ ކަމަށާއި ގޭސް ނުލިބިގެން ދަރު އުނދުނުގެ ބޭނުން ކުރަން ބެލި އިރު ގިނަ ގޭގޭގެ ބަދިގެ ހުރީ ދަރުން ކެއްކޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ.
"އެހެންވެ ދަރު އުނދުން ބޭނުން ކުރަން ވެސް ވަނީ ދައްޗާ ކުރިމަތިވެފައި،" އޭނާ ބުންޏެވެ.

"ބައެއް މީހުން އެބަ މަސައްކަތްކުރޭ ކައިރި ރަށްރަށުން ގޭސްފުޅި ގެންނަން ވެސް، އެކަމަކު އެ ރަށްރަށުން ވެސް ނުލިބޭ. އަޅުގަނޑު ދިޔައިން ގއ. ކޮލަމާފުއްޓަށް ވެސް ގޭސްފުޅިއެއް ލިބޭތޯ. ދިޔައިމާ އެ ރަށުމީހުން ބުނީ ތިމަންނަމެން ގެންނަނީ ވިލިނގިލިންނޭ،" އަހުމަދު ހަސަން ބުންޏެވެ. ގދ. އަތޮޅުގެ ގިނަ ރަށްރަށަށް ގޭސް ފޯރުކޮށްދެމުން ދިޔައީ ޔުޓިލިޓީސް ކުންފުނިން ކަމަށްވާތީ އެހެން ރަށްތަކަށް ވެސް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ވެއެވެ.
ފޯނަށް ޖަވާބު ނުދޭތީ މިކަމުގައި އަޕަ ސައުތު ޔޫޓިލިޓީސްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.