ބްރެޒިލްގެ ފުޓްބޯޅަ ޓީމު ޗަޕެކޮއެންސް ދަތުރުކުރަމުންދިޔަ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން އެ އެއާލައިންގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

ކޮލަމްބިއާއަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ބޯޓަކީ ބޮލީވިއާގެ ލަމިއާ އެއާލައިންގެ ބޯޓެކެވެ. ބޮލީވިއާގެ ފުލުހުން މިހާރު ވަނީ ތަހުގީގަށް އެ އެއާލައިންގެ ވެރިޔާ ގުސްޓާވޯ ވާގަސް ހައްޔަރުކޮށްފައެވެ.

ކޮލަމްބިއާއަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ބޯޓުން ދަތުރުކުރި 77 މީހުންގެ ތެރެއިން 71 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ޗަޕަކޮއެންސް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެ ޓީމު ކޮލަމްބިއާއަށް ދަތުރުކުރަމުން ދިޔައީ އެތުލެޓިކޯ ނޭސިއޮނަލްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގައި ވާދަކުރުމަށެވެ.

އެ ހާދިސާއާ ގުޅިގެން ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޮލް އިން ވަނީ ޗަޕެކޮއެންސް އަކީ މި އަހަރުގެ ކޮޕާ ސުޑަމެރިކާނާގެ ޗެމްޕިއަނުންގެ ގޮތުގައި ނިންމައިފައެވެ. އެގޮތަށް ކޮންމެބޮލް އިން ނިންމީ ޗަޕެކޮއެންސްއާ އެކު ފައިނަލަށް ދަތުރުކުރި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލުން އެެ މުބާރާތުގެ ޗެމްޕިއަންކަން ޗަޕެކޮއެންސަށް ދިނުމަށް އެދިފައި ވަނިކޮށެވެ.

ބޮލީވިއާގެ އެ ބޯޓު ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ހާދިސާގައި ސަލާމަތްވި މީހުންގެ ތެރޭގައި ޗަޕެކޮއެންސްގެ ތިން ކުޅުންތެރިއެއް ހިމެނެ އެވެ.