އެކުވެރި އަރަބި އިމާރާތް ނުވަތަ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ގާއިމްކުރާ އެންމެ ބޮޑު ކުތުބުޚާނާ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާއްމުންނަށް ހުޅުވާލާނޭ ކަމަށް ދުބާއީ މުނިސިޕަލްޓީން ބުނެފިއެވެ.

ދުބާއީގައި އިއްޔެ ނިމިގެންދިޔަ ނޮލެޖް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ދުބާއީ މުނިސިޕަލްޓީގެ ޑިރެކްޓަރު ޖެނެރަލް ހުސެއިން ނަސީރު ލޫތަހް ވިދާޅުވީ،މުހައްމަދު ބިން ރާޝިދު ލައިބްރަރީގެ ނަން ދީފައިވާ އެ ކުތުބުޚާނާގެ ފައުންޑޭޝަން ނިމި، މައި އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކުތުބުޚާނާގެ ސަބަބުން ޔޫއޭއީގެ އިންޑަސްޓިރިއަލް ދާއިރާއަށް އަންނަމުންދާ އިންގިލާބަށްވުރެ ބޮޑު އިންގިލާބެއް ތައުލީމީ ދާއިރާއަށް އަންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުތުބުޚާނާއަށް އައިސް ފޮތް ކިއި ޒަމާން ނިމިއްޖެ. މިހާރު، އެމީހަކު ހުރި ތަނަކަށް އެމީހަކު ބޭނުންވާ މައުލޫމާތެއް ފޯރުކޮށްދެވޭނެ ގޮތެއް މިވަނީ ހޯދަންޖެހިފައި. މި ކުތުބުޚާނާގެ އަމާޒަކީ މުޖުތަމައު ތެރޭގައި އުޅޭ ކޮންމެ ބަޔަކަށް ވެސް، ކުޑަކުދީން އިން ފެށިގެން އާއިލާތަކާ އިންޖިނިއަރުންނާއި ވިޔަފާރިވެރިންނަށް އެމީހަކު ބޭނުންވާ މައުލޫމާތެއް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުން،" ދުބާއީ މިނިސިޕަލްޓީގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވިއެވެ.

އެއް ބިލިއަން ދިރުހަމް (ގާތްގަނޑަކަށް ތިން ލައްކަ އެމެރިކާ ޑޮލަރު) ހަރަދުކުރާ އެ ކުތުބުޚާނާގައި ކިޔުންތެރިން ރަޖިސްޓްރީ ކުރުމަށްފަހު އޮންލައިންކޮށް ފޮތް ލިބޭނެ ނިޒާމެއް އެކުލެވޭ އިލެކްޓްރޯނިކް ކުތުބުޚާނާ އެއް ހިމެނޭނެއެވެ. އެގޮތުން ގަނޑު ހުންނަ ފޮތްތައް އޮންލައިންކޮށް ކިޔޭނެ ގޮތަށް ބަދަލުުކުރާނެއެވެ.

"އީ ބުކްސް ތައާރަފްވިތާ މިހާރު ގާތްގަނޑަކަށް ފަސް އަހަރުވެދާނެ. ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ޗާޕުކޮށްފައި ހުރި އެތައް މިލިއަން މުހިއްމު ފޮތްތަކެއް އަދިވެސް އެބަހުރި. އެ ފޮތްތައް އެކިކަހަލަ ބަސްތަކަށް ތަރުޖަމާކުރުމަށްފަހު އޮންލައިންކޮށް ލިބޭނެ،" ހުސެއިން ނަސީރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 650،000 އަކަ ފޫޓުގެ ސަރަހައްދެއްގައި އަޅާ މުހައްމަދު ބިން ރާޝިދު ލައިބްރަރީގައި 4.5 މިލިއަން ފޮތް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ޗާޕް ކޮށްފައިހުރި ފޮތްތަކާއި އިލެކްޓްރޯނިކް އަދި އޯޑިއޯ ފޮތްތައް ވެސް ހިމެނޭނެއެވެ.

އެގޮތުން، 1.5 މިލިއަން ޗާޕުކުރި ފޮތާއި ދެ މިލިއަން އީ ބުކްސް އަދި އެއް މިލިއަން އޯޑިއޯ ފޮތް ހިމެނޭ އެ ލައިބްރަރީ ނިމުމުން އެތަން ވެގެންދާނީ ދުނިޔޭގައި ހުޅުވާ އެންމެ ބޮޑު އިލެކްޓްރޯނިކް ކަލެކްޝަން އޮތް ކުތުބުޚާނާ އަށެވެ. އަދި އެތަން ވެގެންދާނީ އަރަބި ދުނިޔޭގައި ހުޅުވާ އެންމެ ބޮޑު ކުތުބުޚާނާ އަށެވެ.