18 Jun 2011, 11:38
އދ. މަޖިލިސް: އދ. ގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަޤާމުގައި ފަސް އަހަރުގެ އިތުރު ދައުރަކަށް ބާންކީ މޫން ދެމިހުންނެވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ރުހުންދީފި އެވެ.
15 މެންބަރުން ހިމެނޭ އދ. ގެ ސަލާމަތީ މަޖިލީހުން ބާންކީ މޫންއަށް ރުހުންދިނުމަށް ފާސްކުރި ބަޔާން ބުނެފައިވަނީ ފަސް އަހަރުގެ އިތުރު ދައުރަކަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމުގައި އޭނާ ހުންނެވުމަށް ފެންނަ ކަމަށާ މިކަމަށް އދ. ގެ ޖެނެރަލް އެސެމްބަލީއަށް ރެކޮމެންޑް ކުރާ ކަމުގައެވެ.
އދ. ގެ ސެކްރެޓަރީ ޖެނަރަލް ކަމުގެ ދެވަނަ ދައުރަކަށް ބާންކީ މޫން އިންތިޚާބު ކުރާނީ 192 ދައުލަތް ހިމެނޭ އދ. ގެ ޖެނެރަލް އެސެމްބްލީން އަންނަ އަންގާރަދުވަހު މިކަމަށް ބާއްވާ ޖަލްސާ އެއްގައެވެ. ބާންކީ މޫން ދެވަނަ ދައުރަކަށް އިންތިޚާބު ކުރެވޭ މިންވަރަށް ޖެނެރަލް އެސެމްބަލީގެ މެންބަރުންގެ ތާއީދު އޭނާއަށް އެބައޮތް ކަމަށް ޚަބަރު ލިބެއެވެ.
ކިޔުބާއާއި ލެޓިން އެމެރިކާގެ ޤައުމުތަކުން ބާންކީ މޫން އަށް އިޢްތިރާޒް ކުރުމާގުޅިގެން ސަލާމަތީ މަޖިލީހުން އޭނާއަށް ރުހުން ދިނުމުގެ ކަންތައް އެއް ދުވަހަށް ލަސްވެގެންދިޔައެވެ.
އދ. އަކީ 1945 ގައި އެމެރިކާގެ ސެންފްރަންސިސްކޯގައި އުފެއްދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.
ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ އުމުރުފުޅުން 67 އަހަރުގެ ބާންކީ މޫންއަކީ އދ. ގެ 8 ވަނަ ސެކްރެޓަރީ ޖެނެރަލްއެވެ. އދ. ގެ ސެކްެރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް މިހާތަނަށް އަންހެނަކު އިންތިޚާބު ކޮށްފައެއް ނުވެއެވެ. -- ރޮއިޓާސް