19:00


މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި ކޮމެންވެލްތު މީޑިއާ ގުޅިގެން އަންނަ މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު ޒާހިރު މިއަދު ވިދާޅުވީ އަންނަމަހުގެ ޖޫން 14 އިން 17 އަށް ކުރިއަށް ގެންދާ ހަތަރު ދުވަހުގެ އެ ވޯކްޝޮޕް، އިސްވެ ހިންގަވާނީ ސިންގަޕޫރުގެ ސީނިއާ ދެ އެޑިޓަރުން ކަމަށެވެ.


އެގޮތުން ޓީވީ އަދި ރޭޑިއޯ ޖާނަލިޒަމް ކިޔަވައިދެއްވާނީ ސަރަހައްދީ ސެޓެލައިޓް ނިއުސް ނެޓްވޯކް، ޗެނަލް ނިއުސްއޭޝިއާގެ ނިއުސްހަބްގެ ސީނިއާ އެޑިޓަރު ބާގްމަން ސިންގް ކަމަށާއި އަދި އިނގިރޭސި ބަހުން ނެރޭ ދުވަހު ނޫސް ދަ ސްޓްރެއިޓްސް ޓައިމްސްގެ ޑެޕިއުޓީ ފޮރިން އެޑިޓަރު ޖަޔަންދްރަ މެނޮން، ނޫސް އަދި އޮންލައިން ރިޕޯޓިންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މަސައްކަތު ބައްދަލުވުމުގެ އެޖެންޑާގައި ރިޕޯޓިން، އެޑިޓިން، މީޑިއާ ލޯ އާއި އެތިކްސް، މީޑިއާގެ މިނިވަންކަން، ޑިމޮކްރެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް އަދި ތަރައްގީގައި މީޑިއާގެ ދައުރު ފަދަ މައުލޫތައް ހިމެނޭ ކަމަށް އެމްޖޭއޭގެ ރައީސް ވިދާޅުވި އެވެ.


މިއީ ކޮމަންވެލްތުގެ މެމްބަރު ދެގައުމެއްގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރުމުގެ ވޯކްޝޮޕެއް ކަމަށް ކޮމަންވެލްތުން ވަނީ ބުނެފައެވެ.