07 Dec 2016, 19:14
ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަށް އެމެރިކާއިން ދޭ ހުރިހާ އެހީތަކެއް ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ދެއްވާފައެވެ.
ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެއްވެސް ގައުމެއްގެ ވެރިކަން ގަދަބާރުން ވައްޓާލަން މަސައްކަތްކުރާ ބަޔަކަށް އޭނާގެ ސަރުކާރުން ތާއީދު ނުކުރާނެ ކަމަށާއި އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެމެރިކާ ދޭ އެހީތައް އެއްކޮށް ކަނޑާލައްވާނެ ކަމުގައެވެ.
ޓްރަމްޕް ވިދާޅުވީ ވެރިކަމުގެ ނިޒާމުތައް ހަތިޔާރު ބޭނުންކޮށްގެން ގަދަބާރުން ވައްޓާލި އެއްވެސް ގައުމަކަށް ހަމަޖެހުން އައިސްފައިނުވާ ކަމަށާ އިރާގާއި ލިބިޔާފަދަ ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ވައްޓާލުމަށް އެމެރިކާއިން ކޮށްފައިވާ މަސައްކަތްތަކަށް އޭނާ ދެކޮޅު ހައްދަވާ ކަމުގައެވެ. ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެމެރިކާ މަސައްކަތްކުރާނީ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކަމަށާ ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ވައްޓާލުމަށް ނޫންކަމުގައެވެ.
ނަމަވެސް އެމެރިކާގެ ސަރުކާރުތަކުން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި ބައެއް ގައުމުތަކުގެ ސަރުކާރުތައް ވައްޓާލުމަށް ކަމަށާ ޓެރަރިޒަމާ އިދިކޮޅު ހަނގުރާމަ ފޭލްވެގެންދިޔައީ މިކަމުގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މިވާހަކަތަކުގެ ސަބަބުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ސިޔާސީގޮތުންނާއި ހަތިޔާރުގެ ގޮތުންނާއި ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީ ފަދަ ގައުމުތައް ކަންބޮޑުވެގެންދާނެއެވެ.
ސޫރިޔާގެ ހަނގުރާމައަކީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީ ން ސިޔާސީ ބޭނުމެއްގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށްޓަކައި އެގައުމުގެ އިދިކޮޅު ޖަމާއަތްތަކަށް ފައިސާގެ އެހީ ދީގެން ފެށި ހަނގުރާމައެކެވެ. ސިޔާސީ ބޭނުމެއްގައި 2011 ގައި ފެށި ސޫރިޔާގެ ހަނގުރާމައަކީ ސޫރިޔާގެ އާންމު ރައްޔިތުން ނާ އެއްވެސް ގުޅުމެއްއޮތް ހަނގުރާމައެއް ނޫނެވެ. އެ ހަނގުރާމަ ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން މިދެންނެވި ގައުމުތައް ކުރިންވަނީ މުޅި ސޫރިޔާގައި ފިތުނަ އުފައްދައި ހަނގުރާމައަކަށް މަގުފަހިކޮށްފައެވެ.
ނަމަވެސް މިހަނގުރާމައިގެ ޝިކާރައަކަށްވެފައިވަނީ އަދި ވަމުންދަނީވެސް ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ. މިއަދު ސޫރިޔާއިން މިފެންނަނީ 2011 ގައި މިދެންނެވި ގައުމުތަކުން އެގައުމުތަކުގެ އަމިއްލަ ސިޔާސީ ބޭނުމުގައި ސޫރިޔާގައި އުފެއްދި ފިތުނަތަކުގެ ހިތި ނަތީޖާ އެވެ. ބައްޝާރު ޑިކްޓޭޓަރަކަށް ވިނަމަވެސް އޭނާގެ ވެރިކަމުގައި ސޫރިޔާގެ ރައްޔިތުން އަމާންކަމާއެކު ސުލްހަވެރިކަމުގައި އަމިއްލަ ގައުމުގައި އަމިއްލަ ގެދޮރުގައި ދިރިއުޅެމުން ގެންދިޔައެވެ. ހަނގުރާމައެއް ނެތެވެ. ހަމަނުޖެހުމެއް ނެތެވެ. ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ތެދުނުވާ ބައަކަށް އެއްވެސް ބިރުވެރިކަމެއް ނެތެވެ. ހަނގުރާމަ ފެށިއިރު ސޫރިޔާއަކީ ވަރަށް ގިނަ ދާއިރާތަކުގައި ވަރަށް ބޮޑަށް ކުރިޔަށްވެސް ގޮސްފައިވާ އަދި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރަމުން ގެންދިޔަ ގައުމެކެވެ. އެކަން ބައްޝާރާ އިދިކޮޅު ފަރާތްތަކުންވެސް ގަބޫލުކުރެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ސައޫދީ އާއި ގަތަރާއި ތުރުކީ ން ސިޔާސީ ބޭނުމެއްގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ދީގެން ބައްޝާރު ވައްޓާލުމުގެ ހަނގުރާމަ 2011 ވަނަ އަހަރު ފެށީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ލީބިޔާގެ ޒަޢީމް ކާނަލް ގައްޒާފީއާއި ތޫނިސްގެ ރައީސް ޒައިނުލްއާބިދީން ބިން އަލީގެ ވެރިކަމުގެ ނިޒާމުތައް އަރަބި ރަބީއުގައި ފަސޭހައިން ވައްޓާލި ގޮތަށް ބައްޝާރުގެ ވެރިކަންވެސް ފަސޭހަގޮތަކަށް ވައްޓާލައި މިގައުމުތަކުގެ މަދަދު ލިބޭ ފަރާތްތައް ސޫރިޔާގެ ވެރިކަމަށް ގެނައުމުގެ ސިޔާސީ މަގްސަދުގައެވެ.
ނަމަވެސް މިކަންވަނީ މިގައުމުތައް ރޭވިގޮތާ މުޅިން ޚިލާފަށް ދިގުލައިގެންގޮސް މުޅި ސޫރިޔާ ހަލާކުވެގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކަށް ބަދަލުވެގެންގޮސްފައެވެ. މިހަނގުރާމައިގާ ސޫރިޔާގެ އެތަށް ލައްކަ ބަޔަކު މަރުވެފައިވެއެވެ. އަތްފައި ބުރިވެ ނުކުޅެދޭ ހާލަތަށް ގޮސްފައިވާ މީހުންގެ އަދަދު ދެމިލިޔަނަށްވުރެ ގިނައެވެ. މައިންބަފައިން މަރުވެ ޔަތީމް ވެފައިވާ ކުޑަކުދިންގެ އަދަދުވެސް މިލިޔަނުން ގުނާލެވެއެވެ. ފިރިން މަރުވެ ހާލުގައިޖެހި ހުވަފަތްވެފައިވާ އަންހެނުންގެ އަދަދު ވެސް މިލިޔަނުން ގުނާލެވެއެވެ.
ގެދޮރު ހަލާކުވެ އަމިއްލަ ގައުމުގައި މަގުމަތިވެ ބޯ ހިޔާވަހިކަމެއްނެތް ސޫރިޔާ މީހުންގެ އަދަދުވެސް މިލިޔަނުން ގުނާލެވެއެވެ. ގައުމުދޫކޮށް ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށާއި އަވައްޓެރި ގައުމުތަކުގައި ވަރަށް ނިކަމެތި ހާލުގައި ސަލާމް ޖަހަމުންދާ ސޫރިޔާ މީހުންގެ އަދަދުވެސް މިލިޔަނުން ގުނާލެވެއެވެ.
މީގެއިތުރުން ސޫރިޔާގެ ފަސްބައިކުޅަ ހަތަރުބައި ރައްތަކާއި އަވަށްތައްވަނީ މުޅިން ހަލާކުވެފައެވެ. ފެނާއި ކަރަންޓާއި މަގުތަކާއި އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެއަރޕޯޓްތައް ފަދަ އިންފްރާސްޓްރަކްޗަރ ވަނީ މުޅިން ހަލާކުވެފައެވެ. އާއިލާތަކުގެ ގިނަ މީހުންވަނީ މަރުވެފައެވެ. ގައުމުވަނީ ޓެރަރިސްޓުންގެ ހާއްޔަކަށް ބަދަލުވެފައެވެ. ގައުމުވަނީ 500 އަހަރު ފަހަތަށް ގޮސްފައެވެ.
އީރާނާއި ރަޝިޔާގެ އަސްކަރީ މަދަދާއެކު ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލެވޭނެކަމުގެ ހުރިހާ އުންމީދުތަކެއް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށާއި އެޖަމާއަތްތަކަށް ވާގިވެރިވާ ގައުމުތަކަށް މިހާރުވަނީ ގެއްލިފައެވެ. ޓްރަމްޕްގެ ވާހަކަތަކުން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށާއި އެޖަމާއަތްތަކަށް ވާގިވެރިވާ ގައުމުތަކަށް އިތުރު މާޔޫސް ކަމެއް ލިބިގެންދާއިރު ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގާ ހަލަބްގައި އިދިކޮޅު ޖަމާއަތްތައްވަނީ ބަލިވެ އިނދަޖެހުމުގެ މަގުމަތީގައެވެ.
ސޫރިޔާ ސަރުކާރު ސިފައިންވަނީ ރަޝިޔާގެ ވައިގެ އެހީއާއެކު ހަލަބްގައިވާ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަ އަވައްތަކުގެ ތެރެއިން 70 އިންސައްތަ އަވައްތައް ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ވަނީ އަލުން ހިފައި އެތަންތަން ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. އަދި ހަނގުރާމައިގާ ސޫރިޔާގެ މުޅި ރައްޔިތުން ފަނާވަމުންދާއިރުވެސް ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމުގައި އދ.އަށް ކުރެވޭ އެއްވެސް ކަމެއްނެތެވެ. ނަމަވެސް އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ވާގިވެރިވާ ގައުމުތަކުން އަދިވެސް މަސައްކަތް ކުރަނީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށެވެ. (ނޫސްއެޖެންސީތައް)