07 Dec 2016, 15:56
ދާންދޫ ކައުންސިލާއި ދާންދޫ ސްޕޯޓްސް ކްލަބާ ގުޅިގެން ގއ. ދާންދޫގައި ބޭއްވި 'ދާންދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2016'ގެ ޗެމްޕިއަންކަން ސްމޭޝަރސް ޓީމުން ހޯދައިފި އެވެ.
ސްމޭޝަރސް ޓީމުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ރިއަލް ސްޓަރ އަތުން މޮޅުވެގެންނެވެ.

ދާންދޫ ކައުންސިލް ވޮލީ މުބާރާތުގެ ރަނަރަޕް ރިއަލް ސްޓަރ --- ފޮޓޯ/ ދާންދޫ ކައުންސިލް
ދާންދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ސްމޭޝަރސް އާއި ރިއަލް ސްޓަރގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުން ސްމޭޝަރސް މޮޅުވެފައި ވަނީ 3-2 ސެޓުންނެވެ.
އެ މުބާރާތުގެ ޗެމްޕިއަން ސްމޭޝަރސް އަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދީފައިވާ އިރު، ރަނަރަޕް ޓީމު ރިއަލް ސްޓަރ އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައި ވަނީ 3000 ރުފިޔާ އެވެ. އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަޓެމަގާ ޓީމެވެ.

ދާންދޫ ކައުންސިލް ވޮލީ މުބާރާތުގެ ފެއާޕްލޭ ޓީމު ދަޓެމަގާ --- ފޮޓޯ/ ދާންދޫ ކައުންސިލް
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްމޭޝަރސް މުހައްމަދު އަލީ އެވެ. މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ސްމޭޝަރސްގެ ޔައުގޫބު އަބްދުﷲ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ދަޓެމަގާ ޓީމުގެ ނައުޝާދު އަބްދުﷲ ހޮވުނު އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްމޭޝަރސްގެ އަޒުވާން މޫސާ އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ރިއަލް ސްޓަރގެ އާގިލް އަހްމަދާއި، ސްމޭޝަރސްގެ އަސްލަމް ސައީދު އާއި، ރިއަލް ސްޓަރގެ އަލީ އިބްރާހިމާއި، ދަޓެމަގާގެ އިބްރާހިމް އަލީ އާއި، ރިއަލް ސްޓަރގެ ޖައިލަމް އަބްދުﷲ އާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްމޭޝަރސްގެ މުހައްމަދު އަލީ އެވެ.

ދާންދޫ ކައުންސިލް ވޮލީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސްމޭޝަރސްގެ މުހައްމަދު އަލީ(ކ): މިދިޔަ އަހަރު ވެސް އެ މަގާމު ހޯދީ އޭނާ --- ފޮޓޯ/ ދާންދޫ ކައުންސިލް
ދާންދޫ ކައުންސިލްގެ މެންބަރު އިސްމާއިލް މުހައްމަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުބާރާތުގެ މަގުސަދަކީ ވޮލީ ކުޅުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ރަށު ފެންވަރުގައި ހޯދައިދިނުމާއި ޒުވާނުންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމުގެ އިތުރުން ކްލަބު ޖަމިއްޔާތައް ބާރުވެރި ކުރުވުން ކަމަށެވެ.
މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި ތިން ޓީމެއް ވާދަކޮށްފައިވެ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ފައިނަލަށް ދަތުރުކުރީ ޕޮއިންޓްގެ ގޮތުން އެންމެ ކުރީގައި އޮތް ދެ ޓީމެވެ.
މިދިޔަ އަހަރުން ފެށިގެން ކުރިއަށްގެންދާ އެ މުބާރާތް އަންނަ އަހަރު ވެސް ބާއްވާނެ ކަމަށް ދާންދޫ ކައުންސިލުން މައުލޫމާތުދެ އެވެ.