07 Dec 2016, 15:24
ދިވެހިރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓު ޓެކްސްއާ ފީ ނެގުމުގެ ގާނޫނު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓަކުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްގެ ގޮތުގައި ނަގާނެއެވެ.
ދިވެހީންވެސް ހިމެނޭ ގޮތަށް އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖު (އޭޑީސީ) ނަގާ ގޮތަށް މި ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ ގާނޫނު މަޖިލީހުން ފާސްކުރީ، އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުގެ ނަމުގައި، އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކްސްއެއް ނެގުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވުމުންނެވެ.
މި ގާނޫނުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އެއާޕޯޓަކުން، ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު، އަދި ދިވެއްސެއްގެ އަތުން 12 ޑޮލަރު، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ނެގޭނެއެވެ. މިއީ މިހާރުވެސް ނަގަމުން އަންނަ ޓެކުހެކެވެ.
މި ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
އަދި އެއާޕޯޓުން، ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު އަދި ދިވެއްސެއްގެ އަތުން 12 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި ވެސް ނެގޭނެ ކަމަށް އެ ގާނޫނުގައި ވެއެވެ.
މި ޓެކްސްއަށް އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.
ގާނޫނު ބުނާ ގޮތުން، އޭޑީސީ ނަގަން ފަށާނީ ގާނޫނު ތަސްދީގުކުރާ ތާރީޚުން ފެށިގެން ހަތަރު މަސް ދުވަހާ ވިދިގެން ފެށޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ގާނޫނު ތަސްދީގުކޮށް، އަމަލުކުރަން ފެށީ މިއަދު ކަމުން، މިއަދުން ފެށިގެން ހަތަރުމަސް ދުވަސް ހަމަވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހަށެވެ. އަދި އޭޕްރިލް މަހާ ވިދިގެން އަންނާނީ މެއި މަސް ކަމުން، އޭޑީސީގެ މާއްދާއަށް އަމަލުކުރަން ފަށާނީ 2017 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖޭގައި ހަތަރު އިންޓަނޭޝަނަލް އެއާޕޯޓު ހުރެއެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި، އދ. މާމިގިލި ވިލާ އިންޓަނޭޝާނަލް އެއާޕޯޓުގެ އިތުރުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ.
މި ގާނޫނު ފާސްވުމާގުޅިގެން، މީގެ ކުރީން، 1978 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިޔަ، ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމުގެ ގާނޫނު ވަނީ އުވިފައެވެ.