ތެހެރާން(ޑިސެމްބަރު 7): ނިއުކްލިއާ އެއްބަސްވުން ވީދާލުމުގެ ފުރުސަތު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ނުދެއްވާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ބާރުތަކާއެކު އީރާނުން މިދިޔަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުން އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް މަދު ކުރަން އެއްބަސްވެފައެވެ.

ނަމަވެސް އަންނަ ޖެނުއަރީ މަހު ވެރިކަމުގެ ހުވާ ކުރައްވާނެ ޓްރަމްޕް ވަނީ އެ އެއްބަސްވުން އުވާލާނެ ކަމަށް ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

"ވަރަށް ގިނަ ކަންތައްތައް ކުރަން ޓްރަމްޕް ބޭނުންފުޅުވޭ. ނަމަވެސް އޭނާގެ އެއްވެސް އަމަލަކުން އަޅުގަނޑުމެންނަށް އަސަރެއް ނުކުރާނެ. (ޓްރަމްޕަށް) ނިއުކްލިއާ އެއްބަސްވުން އުވާލެވޭނެ ހެން ހީވޭތަ؟ އަޅުގަނޑުމެންނާއި މިގައުމު އެކަމަށް ފުރުސަތު ދޭނެހެން ހީވޭތަ؟" އީރާނުގެ ދައުލަތުގެ މީޑިއާއިން ދެއްކި ތަގުރީރެއްގައި ރޫހާނީ ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ތެރޭގައި އެމެރިކާގެ ސެނެޓުން ވަނީ އީރާނުން ނިއުކްލިއާ އެއްބަސްވުމާ ހިލާފު ނުވާނެ ކަން ޔަގީން ކުރުމުގެ ގޮތުން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް 10 އަހަރަށް ދިގު ދަންމަވާ ގާނޫނެއް ފާސްކޮށްފައެވެ. އެގާނޫނު ތަސްދީގު ކުރެވޭނީ ރައީސް ބަރަކް އޮބާމާ އެއަށް ތާއިދު ކުރެއްވުމުންނެވެ.

ރޫހާނީ ވަނީ އެ ގާނޫނު ތަސްދީގު ކުރުން ވާނީ ނިއުކްލިއާ އެއްބަސްވުމާ ހިލާފުވުން ކަމަށާއި އެމައްސަލައާ ގުޅިގެން އީރާނުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. (ރޮއިޓާސް)