ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތައް އެކި ފަންތިތަކަކަށް ބަހައިލުމަށް ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާ، މަސީ އިން ނިންމައިފި އެވެ.

މަސީ އިން މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ޖަމްއިއްޔާގެ އާންމު ބައްދަލުވުމުގައި ކޮންޓްރެކްޓަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ކޮންސްޓަރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތައް އެ ކުންފުނިތަކުގެ ކެޕިޓަލް އާއި ތަޖުރިބާ އަށް ބަލައި ގިންތިތަކަށް ބަހާލުމަށެވެ.

މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު )ޖަނާ( އިއްޔެ ވިދާޅުވީ ފަސް ކެޓަގަރީއަކަށް ކުންފުނިތައް ބަހައިލާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކެޓަގަރީގައި ހިމެނޭ ކުންފުނިތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ކޮންޓްރެކްޓުތައް ނެގިދާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެ ވަނަ ކެޓަގަރީގައި ހިމެނޭ ކުންފުނިތަކަށް ކޮންޓްރެކްޓް ނެގޭނީ 75 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކާ ހަމައަށް ކަމަށާއި ތިން ވަނަ ކެޓަގަރީގެ ކުންފުނިތަކަށް 25 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކާ ހަމައަށް ނެގޭއިރު ފަސް ވަނަ ކެޓަގަރީގެ ކޮންޓްރެކްޓާރުންނަށް 2.5 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކާ ހަމައަށް ނެގޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންޓްރެކްޓަރުން ގިންތި ކުރަން ނިންމީ ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ވިޔަފާރީގައި ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދީ ކުރިއެރުންތަކެއް ގެނެސްދިނުމަށް ކަމަށެވެ.

"އެގިވަޑައިގަންނަވާނެ އިންޑަސްޓްރީ ތަކުގައި ބޮޑެތި ކުންފުނިތަކުން ލީޑް ކުރަނީ. އަޅުގަނޑުމެން މި ފިޔަވަޅުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ފުރުސަތުތަކެއް ލިބިގެން ދާނެ އެބޭފުޅުންގެ ވިޔަފާރިތަށް ފުޅާކުރުމަށް. އޭރުން އެބޭފުޅުން ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ،" ޖަނާ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ކުންފުނިތައް ގިންތި ކުރުމަށް ނިންމި އިރު މަސީން ވަނީ އެ މިންގަނޑުތަކަށް ކުންފުނިތަކުން ހުށަހަޅާ ހިޔާލުތަކާއި އެކު ސަރުކާރަށް އެ ނިންމުން ހުށަހެޅުމަށް ނިންމާފަ އެވެ.

"އަޅުގަނޑުމެން ކުރިންވެސް ކުރަންފަށާފައި އޮތް ކަމެއް މިއީ. ބިލްޑިން އެކްޓެއް އަންނަންވާއިރަށް މިކަމުން ފައިދާ ކުރާނެ ކޮންޓްރެކްޓަރުންނަށް އަދި ފަސޭފަ ވެސް ވާނެ،" ޖަނާ ވިދާޅުވި އެވެ.