07 Dec 2016, 13:39
ރާއްޖޭގައި ވައިގެ ދަތުރުފަތުރާ ބެހޭ ތަފާތު، ހުރިހާ ގަވައިދުތަކެއް އިސްލާހުކޮށް، ހުރިހާ ކަމެއް ހިމެނޭ ގަވައިދު ސެޓެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ބަލަހައްޓަވާ، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސިވިލް އޭވިއޭޝަނުން މިދުވަސްވަރު ހިންގަމުން ގެންދާ އެންމެ ބޮޑު މަޝްރޫޢަކީ، އޭވިއޭޝަނާ ގުޅުންހުރި ބައެއް ގަވައިދުތައް މުރާޖާކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން، ވައިގެ ދަތުރު ފަތުރުގެ ހުއްދަ ދިނުމަށް އެކުލަވާލާފައިވާ ފްލައިޓް އޮޕަރޭޝަނާ ބެހޭ ގަވައިދުތަކާއި، މަތިންދާ ބޯޓުގެ ފަޅުވެރިންނަށް ލައިސަންސް ދިނުމާ ބެހޭ ހުރިހާ ގަވައިދެއް މުޅިން އޯވަހޯލްކޮށް، ހުރިހާ ޙަރަކާތެއް ހިމެނޭގޮތަށް ރެގިއުލޭޝަން ސެޓެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމުގެ ތެރެއިން، އޭވިއޭޝަން ދާއިރާގެ މަންފާ އިތުުރކުރުމަށް ރެކްރިއޭޝަނަލް ހަރަކާތް ފަދަ އޮޕަރޭޝަންތަކާއި ރޯޓަރީވިންގް އެއާކްރާފްޓުތަކަށް ހުއްދަ ދެވޭނެ ގޮތަށް އޮޕަރޭޝަންސް ގަވައިދުތައް އެކުލަވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤުބަލެއްގައި ވައިގެ ދަތުރުފަތުރާ ގުޅޭ އިތުރު ވައްތަރުތަކުގެ ޚިދުމަތްތައް ރާއްޖޭގައި ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތައް ފަށައި، ކުރިޔަށް ގެންދަމުން ދާ އިރު، ރާއްޖޭގައި އިތުރު އެއާޕޯޓްތައް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ވޯޓާ އެރޯޑްރޯމް އޮޕަރޭޓުކުރަނީ ރާއްޖެ އިން ކަމަށާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)އިން އެކުލަވާލި "ވޯޓަރު އޭރޯޑްރޯމް ސްމޯލް ވޯކިގް ގްރޫޕް"އިން ތައްޔާރުކުރި ގަވައިދު އޭޝިއާ ޕެސިފިކް ސާމްޕަލް ރެގިއުލޭޝަންގެ ގޮތުގައި އައިކާއޯއިން ބަލައިގެންފައިވާ ކަމަށެވެ.
އަދި އެއާ ނެވިގޭޝަންގެ ރޮނގުން، ޕަފޯމަންސް ބޭސްޑް ނެވިކޭޝަން ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަރް ރާއްޖެ އިން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.